ތިމާ ލާން ބޭނުންވާވަރަށްވުރެ ގިނައިން އަތުގަ ފޭރާން ބެހެއްޓުމަކީ ދަހި މީހަކަށްވެ ފާފަވެރިވާނެ ކަމެއް! ގިނަވާނަމަ އޮތީ ޞަދަޤާތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިމާ ލާން ބޭނުންވާވަރަށްވުރެ ގިނައިން އަތުގަ ފޭރާން ބެހެއްޓުމަކީ ދަހި މީހަކަށްވެ ފާފަވެރިވާނެ ކަމެއް! ގިނަވާނަމަ އޮތީ ޞަދަޤާތްކުރުން!

އަޅުގަނޑުގެ ބައެއް އެކުވެރިން ލާނެ ހެދުން ގިނަކުރަމުންގޮސް އަހަރުވާއިރުވެސް ނުލާ ހެދުން އެބަހުއްޓެވެ. އެއީ ތަނަވަސް މީހުންނެވެ. ތަނަވަސްކަން ހުރުމަކީ މިގޮތަށް ކަންތައްކުރަން ހުއްދަވާ ކަމެއްތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ  

ކޮންމެވެސް މީހަކު ލާފައި ހުރި ކަހަލަ ހެދުމެއް އަތުގައި ނެތިގެން އުޅޭ މީހުން ގިނަވެއްޖެއެވެ. މިހާރަކަށް އައިސް ގިނަ ބައަކު އުޅެނީ އަތުގައި ހެދުން ގިނަ ނުކުރެވިގެންނެވެ! އަލަމާރީގެ ވޯޑްރޯބްތައް ފުރިގެން ކޮތަޅުތަކަށް އަޅާވަރަށް ހެދުން ހުންނައިރުވެސް އުޅެނީ ހަމަ ހެދުން މަދުވެގެންނެވެ.  

މިއީ ވަރަށް ގޯސްކޮށް ކުރެވޭކަމެކެވެ. އެމީހާއަށް ކޮންމެ ހެން ބޭނުންވާ ވަރަށްވުރެ ގިނައިން އަތުގައި ފޭރާން ބެހެއްޓުމަކީ އިސްރާފުގެ އަމަލެކެވެ. އެއީ ދަހިމީހުންގެ ސިފައެކެވެ. ތަނަވަސްކަން ހުރެފައި އައު ހެދުން ލުމަށް ލޯބިކުރާނަމަވެސް އަތުގައި ހެދުން ގިނަ ނުކުރާށެވެ! އަލަށް ފަހާ ނުވަތަ ގަންނަ ހެދުމަކަށް އަތުގައި ހުރިތަނުން ހެދުމެއް ފަޤީރަކަށް ޞަދަޤާތްކުރާށެވެ! އަތަށް ގިނަވިއަ ނުދޭށެވެ!  

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލާން ބޭނުންނުކުރާ ހެދުން އަތުގައި ބެހެއްޓުމުން ފާފަވެރިވާނެއެވެ. ވީމާ މިހިރީ ވިސްނާލަންޖެހޭނެ ކަންކަމެވެ.

ﷲ ތަޢާލާ ލޯބިވެވޮޑިގެންވަނީ އެމީހާގެ އަތުގައި ހުންނަ ހެދުމުގެ އަދަދު ގިނަވެފައި އަގުބޮޑުވުމަކުން ނޫނެވެ! ލައިގެން ހުންނަ ފޭރާމުގެ ސާފުތާހިރުކަމުންނެވެ! ވީމާ ކިތަންމެ މަދުން އަތުގައި ހެދުން ހުރި ނަމަވެސް ސާފުތާހިރުކަންމަތީގައި ހުންނާށެވެ! އެއޮތީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެކަމުން ލިބިފައެވެ! އިން ޝާ ﷲ 

އަތުގައި ފޭރާން މަދުވުމަކީ އެއްގޮތަކަށްވެސް ދެރަވެ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ! ލަދުގަންނަންވެސް ޖެހޭ ކަމެއް ނޫނެވެ! ﷲ ތަޢާލާ ކޮންމެ ނިޢްމަތެއްވެސް ކޮންމެ މީހަކަށްވެސް މިދުނިޔޭގައި ދެއްވަވަނީ ވަކި މިންވަރަކަށެވެ. އިމެއް ނެތި ނިޢްމަތްތައް ލިބުން އޮތީ ސުވަރުގެއިންނެވެ. ވީމާ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާށެވެ! ނިޢްމަތްތައް އިމެއް ނެތި ލިބިގަތުމަށްޓަކައި ސުވަރުގެ ދިއުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން