ތަނަވަސް މަންމައެކެވެ. ތިބީ ދެފިރިހެންދަރިންނެވެ. ދޮށީ ދަރިފުޅަކީ ރަން ދަރިފުޅެވެ. އެއްވެސަ ޒިންމާއެއް ނުނަގައެވެ. ހުރިހާ ޒިންމާތަކެއް ޖަހަނީ ކޮއްކޮގެ ބޮލަށެވެ. ކުންފުނިން ލިބޭ މުސާރައިން ނުފުދިގެން ކޮންމެ މަހަކުވެސް އިތުރަށް ފައިސާ ނަގައެވެ. އެހެންކަމާއިއެކުވެސް މަންމަގެ ވިސްނުމަކަށް އެއްވެސް ބަދަލެއް ނައުދެއެވެ.
ކޮއްކޮ ކައިވެނިކުރަން ބޭނުންވުމުން ލޯބިވެރިޔާ ކަމަކު ނުދިއައެވެ. ފަޤީރުވީމައެވެ. ނަމަވެސް އޭނާ ނިންމީ ކައިވެނިކުރާށެވެ. ކައިވެނިކުރުމުން ޅީދަރިފުޅަށް ކޮންމެ ދުވަހަކު އެކަމުގެ އަދަބު ދެއެވެ. ހިތުގައި ޖައްސުވައި ރޮއްވައެވެ. ބަލިވެއިނުމުންވެސް އައީ އެޙާލު ޖައްސުވަމުންނެވެ.
އެކަންކަމަށް ކެތްނުކުރެވިގެން ދަރިފުޅު އެވާހަކަ ދެއްކީމައި ބުނީ ބޭނުންނަމަ ގެއިން ނުކުމެގެން ދެވިދާނެ ކަމަށެވެ. ގެއިން ނުކުތުމަށްފަހު އެއްވެސް އެހީތެރިކަމެއް ނުލިބޭނެ ކަމަށެވެ. ކުންފުނީގެ ވަޒިފާވެސް ގެއްލޭނެ ކަމަށެވެ.
ދަރިފުޅު ނިންމީ ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް އަނބިމީހާ ގޮވައިގެން ގެއިން ނުކުތުމަށެވެ. އެއީ ލިބެން އުޅޭ ދަރިފުޅުގެ ޙައްޤުގައެވެ. ގެއިން ނުކުނަން އުޅުނު ވަޤުތު އެންމެ ދެރަވީ މަންމަ ބުނި ބަހަކުންނެވެ. "ލިބޭ ދަރިފުޅު ބަލިވެގެންވެސް މަންމައަށް ނުގުޅަން" ބުނީތީއެވެ. އެއީ ބަދުދުޢާއަކަށްވާތީއެވެ.
ދަރިފުޅު އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށިއެވެ. ވަޒިފާއެއް ހޯދުމުގެ ބަދަލުގައި އެކުވެރިއެއްގެ އެހީތެރިކަމާއެކު އަމިއްލަ މަސައްކަތެއް ކުރަން ފެށިއެވެ.
ގެއިން ނުކުތްތާ 2 މަސްވެސް ނުވަނީސް މަންމަ ގުޅައިގެން ގެންގޮސްފައި އެދުނީ އަލުން ކުންފުނީގައި މަސައްކަތްކުރަން ފެށުމަށެވެ. ބޭބެއަށް އެއްވެސް މަސައްކަތެއް ޒިންމާދާރުކޮށް ނުކުރެވޭތީ ބޮޑެތި ގެއްލުންތައް ލިބެން ފެށުމުންނެވެ.
ދަރިފުޅުގެ ޖަވާބަކަށްވީ ދެން މުސާރައަށް އެކަނި މަސައްކަތް ނުކުރާނެ ކަމެވެ. މުސާރައިގެ އިތުރުން ޙިއްޞާއެއް ދޭންޖެހޭނެ ކަމެވެ. ބޭބެއަށް އޭނާއަށް އަމުރުކުރެވިގެން ނުވާނެ ކަމެވެ. އަދި މުސާރައިގެ އިތުރުން އެއްވެސް ފައިސާއެއް ނެގިގެން ނުވާނެ ކަމެވެ. މަންމަވެސް ކަންކަމާއިބެހެންވާނީ ކުންފުނި ހިންގުމުގެ ޤަވާއިދުތަކާއި އެއްގޮތަށް ކަމެވެ.
އެކަންކަމަށް މަންމަ އެއްބަސްވުމުން ކުންފުނީގައި އަލުން މަސައްކަތްކުރަން ފެށިއެވެ. އެކަމަކު އޭނާ ކުރަން ފެށި މަސައްކަތްވެސް ހުއްޓައެއް ނުލައެވެ. ނަތީޖާއަކަށްވީ އޭނާއަށް ބޮޑު ތަނަވަސްކަމެއް ލިބުމެވެ.
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްބާކޮށްލަން ބޭނުންވީ މިވާހަކައިން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބޭތީއެވެ. ފުރަތަމަ ކަމަކީ ދަރިންގެ މެދުގައި ތަފާތުކޮށް ނުރުހޭ ދަރި ނިކަމެތިކުރުމެވެ. ދެވަނަކަމަކީ ޙައްޤަކާއި ނުލައި ޅީދަރިން ނިކަމެތިކުރުމެވެ. 3 ވަނަ ކަމަކީ އެންމެ ބޮޑު ކަންތަކެވެ. އެއީ އަނބިމީހާއަށް ނިކަމެތިކަން ލިބެން ދޫކޮށް ނުލުމެވެ. ކައިވެނިކުރުމަށްފަހު މައިންބަފައިންގެ ޕްރެޝަރަށް ބައިވެރިޔާ ދޫކޮށްލުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާއަކަށްވާނެތީއެވެ. ވާހަކައިން އެނގެނީ އެފަދަ އަނިޔާއެއް ނުދީ ކޮންމެ ޙާލެއްގައިވެސް ދެމަފިރިން އެކުގައި އުޅެން މަސައްކަތްކުރުމުގެ ފޮނި ނަތީޖާއެވެ.
- އަމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް