ޚުޠުބާ: މުދަލަކީ އަމާނާތެއް! ރައްކައުތެރި ނުވެވިއްޖެނަމަ ލިބޭނެ ގެއްލުން ވަރަށް ބޮޑު!

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 14ސ
ޚުޠުބާ: މުދަލަކީ އަމާނާތެއް! ރައްކައުތެރި ނުވެވިއްޖެނަމަ ލިބޭނެ ގެއްލުން ވަރަށް ބޮޑު!

މުސްލިމް އަޚުންނޭވެ! މުދަލާއި މުދާވެރިކަމާ ގުޅޭ އިސްލާމީ ތަޞައްވުރު ބިނާވެފައިވަނީ، ބަދަލުވުމެއް ނެތް، ވަރުގަދަ އަސާސެއްގެ މަތީގައެވެ. ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ، މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެއްޗެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އުޑުތަކުގައިވާހައި އެއްޗަކާއި، ބިމުގައިވާހައި އެއްޗެއް މިލްކުވެގެންވަނީ ﷲއަށެވެ."  

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ އަތްމަތީގައި މިވާ މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން، ޤިޔާމަތްދުވަހު މާތް ﷲގެ ޙަޟުރަތުގައި އެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭނެއެވެ. މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއް ނޫންކަމާއި، އެއީ އިމްތިޙާނެއްކަން މާތް اللهُ ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.  --- މާނައީ: "އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންނަކީ، އިމްތިޙާނެކެވެ." މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވައިފައިވުމަކީ އިއްތިފާގެއްނޫނެވެ. އެއީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅާއި ތަދުބީރުފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނުކުރެއްވުމުގެ ގޮތުން، އެކަލާނގެ މިންވަރުކުރައްވަވާ ކަންކަމެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކުރާންވީ ސުވާލަކީ، ތިމާއަށް އެއްކުރެވުނީ ކިހައި މުދަލެއްތޯއެއް ނޫނެވެ. އެހެނެއްކަމަކު، ކުރާންވީ ސުވާލަކީ، މާތް ﷲ ކުރިމަތިކުރެއްވި މި އިމްތިޙާނުން ކާމިޔާބީހޯދުނުތޯއެވެ!

މުސްލިމް އަޚުންނޭވެ! މިއީ ނުރައްކާތެރިކަން ބޮޑު އިމްތިޙާނެކެވެ. ރަސޫލު ﷲ  ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރައްވައިފައި ވެއެވެ. (مَا ذِئْبَانِ جَائِعَانِ أُرْسِلَا فِيْ غَنَمٍ، بِأَفْسَدَ لَهَا مِنْ حِرْصِ الْمَرْءِ عَلَى الْمَالِ وَالشَّرَفِ لِدِيْنِهِ)[1] ‏މާނައީ: "ބަކަރި އައިނެއްގެ ތެރެއަށް، ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން، އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ހުރި ގެއްލުމާއި ފަސާދަ މާ ބޮޑެވެ." މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އެ މީހެއްގެ ދީން ހަލާކުވެ، އަޚުލާޤު ފަސާދަވެ، ﷲއާ އެ މީހަކާ ދެމެދު އޮންނަ ގުޅުން ކެނޑިދެއެވެ. 

މުސްލިމް އަޚުންނޭވެ! އަހަރެމެން އެއްކުރާ މުދަލާ މެދު ޤިޔާމަތް ދުވަހުގައި ސުވާލުވެވޭނޭކަން ކަށަވަރެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ، حَتَّى يُسْأَلَ عَنْ عُمُرِهِ فِيْمَ أَفْنَاهُ؟ وَعَنْ عِلْمِهِ فِيْمَ فَعَلَ فِيْهِ؟ وَعَنْ مَالِهِ مِنْ أَيْنَ اِكْتَسَبَهُ؟ وَفِيْمَ أَنْفَقَهُ؟ وَعَنْ جِسْمِهِ فِيْمَ أَبْلَاهُ؟) [2] މާނައީ: "ޤިޔާމަތް ދުވަހު އޭނާގެ ޢުމުރު ހުސްކޮށްލި ގޮތާއި، އޭނާއަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހިފި ގޮތާއި، އޭނާ މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާއި، އަދި އޭނާގެ ހަށިގަނޑު ފަނާކުރީ ކޮންކަމެއްކުރުމުގައިތޯ ސުވާލުވެވުމަށް ދާންދެން، އާދަމުގެ ދަރިޔާގެ ދެފައިތިލަ އެ ހުރިތަނުން ގުޑުވައެއް ނުލެވޭނެއެވެ." 

މާތް ﷲގެ އަޅުތަކުންނޭވެ! މުދާ ހޯދާންވާނީ މާތް ﷲ ކަނޑައަޅުއްވައިފައިވާ އުޞޫލުތަކާއި އިންތަކުގެ ތެރެއިންނެވެ. ﷲ ޙަރާމްކުރެއްވި މަގަކުން މުދާ ހޯދުމުގެ ޙައްޤެއް އަހަރެމެންނަކަށް ނެތެވެ. ރަސޫލު ﷲ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّهُ لَا يَرْبُوْ لَحْمٌ نَبَتَ مِنْ سُحْتٍ إِلَّا كَانَتِ النَّارُ أَوْلَى بِهِ)[3] މާނައީ: "ހަމަކަށަވަރުން ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށްމެ، އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާނެވެ." އިސްލާމްދީން ބާރުއަޅަނީ ޙަލާލު މަގުން މުދާ ހޯދުމަށެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (نِعْمَ الْـمَالُ الصَّالـِحُ لِلْمَرْءِ الصَّالـِحِ) [4] މާނައީ: "ހެޔޮލަފާ މީހަކަށް ހެޔޮލަފާ މުދަލުގެ މޮޅުކަމާއެވެ!" 

މުސްލިމް އަޚުންނޭވެ! ޙަލާލު މުދަލުގެ ތެރޭގައި، ތެދުވެރިކަމާ އެކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާއި، އަދާކުރާ ވަޒީފާއިން ލިބޭ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ މުޢާމަލާތުތަކުން ލިބޭ އާމްދަނީ ހިމެނެއެވެ. ހަމަ އެއާ އެކު، ހެޔޮ ހިތުން ދެވޭ ހަދިޔާއާއި، ޝަރުޢީ ހަމަތަކުގެ މަތީން ލިބޭ ތަރިކަ މުދަލަކީ ވެސް ޙަލާލު މުދަލުގެ ތެރޭގައި ހިމެނޭ ތަކެތިކަން ކަށަވަރެވެ.  

މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވައިފައިވާ އެއް ކަމަކީ، ޙަރާމް ގޮތުގައި އާމްދަނީ ހޯދުމެވެ. ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތުން މުދާ ހޯދުމާއި، ވައްކަންކުރުމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ، ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. މިއީ ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫނެވެ. މިއީ، އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ވަނީ މި ކަމާ މެދު ނުހަނު ވަރުގަދަ އިންޒާރަކުން އިންޒާރުކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ)[5] މާނައީ: "ހަމަކަށަވަރުން، މާތް ﷲގެ މުދާ، ޙައްޤަކާ ނުލައި ނަހަމަ ގޮތުގައި ބޭނުންކުރާ ބަޔަކު މީސްތަކުންގެ ތެރޭގައި ވެއެވެ. ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ހުރީ ނަރަކައެވެ." ނަހަމަ ގޮތުގައި މުދާ ހޯދުމުގެ ތެރެއިން އަމާނާތަށް ޚިޔާނާތްތެރިވުމަކީ ފާފަތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ އެއް ފާފަކަމުގައި ނޫނީ ނުވާނެއެވެ. 

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޙަލާލު ގޮތުގައި މުދާ ހޯދައި، އިބަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ މަގުން އެ މުދާ ހޭދަކުރުމުގު ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އާމީން!

މުސްލިމް އަޚުންނޭވެ! އަމާނާތެއްގެ ގޮތުގައި މާތް ﷲ ތިޔަބައިމީހުންނާ ޙަވާލުކުރައްވައިފައިވާ މުދަލުގައި، އަދާކުރާންޖެހޭ ޙައްޤުތަކަކާއި މަސްއޫލިއްޔަތުތަކެއް އެކަލާނގެ ވަނީ ކަނޑައަޅުއްވައިފައެވެ. އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭން ޖެހޭ ވާޖިބަކީ، އަމިއްލަ އަހުލުންނަށްކުރާ ހޭދައެވެ. އެއީ ތިމާގެ އަނބިދަރިންނާއި، މައިންބަފައިންނާއި، ތިމާ ބަލަހައްޓާން ޖެހޭ އެންމެހައި މީހުންނެވެ. މިއީ އިޖުތިމާޢީ ޒިންމާއަކަށް ވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެކެވެ. ރަސޫލު ﷲ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ﷲގެ މަގުގައި ތިބާ ހޭދަކުޅަ ދީނާރާއި، އަޅަކު މިނިވަން ކުޅައުމަށް ޓަކައި ތިބާ ހޭދަކުޅަ ދީނާރާއި، މިސްކީނަކަށް ތިބާ ހޭދަކުޅަ ދީނާރާއި، ތިބާގެ އަހުލުވެރީންގެ މައްޗަށް ތިބާ ހޭދަކުޅަ ދީނާރާއި، މިހުރިހައި ޚަރަދުތަކެއްގެ ތެރެއިން (ﷲގެ ޙަޟުރަތުގައި) އޭގެ ދަރުމައާއި ޘަވާބު އެންމެ އިތުރުވެގެންވަނީ، ތިބާގެ އަހުލުވެރީންގެ މައްޗަށް ތިބާ ހޭދަކުޅަ ދީނާރެވެ."[6] އެއަށް ފަހު ގާތްތިމާގެ މީހުންނަށާއި، ފަޤީރުންނާއި، މިސްކީނުންނާއި، ޔަތީމުންނާއި، ދަތުރުވެރީންނަށްކުރާ ހޭދައެވެ.  

މުސްލިމް އަޚުންނޭވެ! މި ދެންނެވި ވާޖިބުތަކުގެ އިތުރަށް، މުދަލުގައި މާތް ﷲގެ އެހެން ޙައްޤެއް ވެއެވެ. އެއީ  މުދާ ޠާހިރުކުރުމަށް ޓަކައި އަހަރަކު އެއްފަހަރު ދެއްކުން ވާޖިބުވެގެންވާ ފަރުޟު ޒަކާތެވެ. އަހަރެމެން ޒަކާތް ދައްކާ އިރު، އެ އަދާކުރެވެނީ މުދަލުގެ އަސްލު މިލްކުވެރި ފަރާތުން އަހަރެމެންނާ ޙަވާލުކުރެއްވި އަމާނާތެވެ.  

ލޮބުވެތި މުސްލިމުންނޭވެ! މުދާ އިސްރާފުކުރުމާއި، އެ މުދާ ބޭކާރު ގޮތުގައި ހަލާކުކޮށްލުމުގެ އެއްވެސް ޙައްޤެއް އަހަރެމެންނަށް ލިބިގެންނެއް ނުވެއެވެ. ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، ބޭނުމެއް ނެތް ތަކެތި ގަތުމާއި، އެ ތަކެތީގެ ބޭނުންނުކޮށް ހުއްޓައި އޭގެ މުއްދަތު ހަމަވެގެން އުކާލަން ޖެހުމަކީ ވެސް، އަމާނާތަށް ޚިޔާނާތްތެރިވުމެވެ. އިބްނުލްޤައްޔިމް (ރަޙިމަހު ﷲ) މަދާރިޖުއްސާލިކީންގައި ގެންނަވައިފައިވާ ގޮތުގައި މުދަލާއި މުއްސަނދިކަމަކީ ޒުހުދުވެރިކަމާ ފުށުއަރާ ކަމެއް ނޫނެވެ. އެއީ އެ މުދަލަކީ ޙަލާލު ގޮތުގައި ހޯދައި، ހެޔޮ ގޮތުގައި ހޭދަކުރެވޭ އެއްޗަކަށް ވެފައި، އެ މުދަލުގެ ސަބަބުން އަޅާއާ ﷲއާ ދެމެދު އެއްވެސް ހުރަހެއް ނޭޅޭނަމައެވެ.[7] މިއީ އިސްލާމްދީން އަހަރެމެންނަށް ކަނޑައަޅައިދީފައިވާ ފުރިހަމަ މިންގަނޑެވެ.

މިއަދު އޮންލައިން