މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ. މިއީ އެ ބޭންކުގެ ތާރީޚުގައިވެސް 9 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، 30 ސެޕްޓެންބަރު 2026 އަށް ނިމުނު 9 މަސްދުވަހުގެ ފައިދާއަކީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.53 ބިލިޔަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ.
މިއަހަރުގެ 3 ވަނަ ކުއާޓަރުގެ އެކަނި މާލީ ނަތީޖާއަށް ބަލާއިރު، ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިޔަން ރުފިޔާއާ އަޅައިބަލާއިރު %36 ގެ ކުރިއެރުމެކެވެ.
މި ކުއާޓަރުގައި ބީއެމްއެލްއަށް ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ބީއެމްއެލްއިން ފާހަގަކުރާ ގޮތުގައި މާލީ ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ ކުރިއެރުމާއި، ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ކާމިޔާބީއެވެ.