ދިވެހި ފުޓުބޯޅައަށް އަގުނުކުރެވޭފަދަ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިހުސާން އަބްދުލް ޣަނީ (ސާންތީ) އާއި، މުހައްމަދު އާރިފް (ބަކާ) އަދި އިބްރާހީމް އިފްރާހް އަރީފްގެ ހިދުމަތުގެ އަގު ވަޒަންކޮށް، އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް ދީފިއެވެ.
މި އެވޯޑްތައް ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވޯޑްސް ނައިޓުގައެވެ. މިއީ ދިވެހި ފުޓުބޯޅައިގެ ކުރިއެރުމަށް މި ބޭފުޅުން ކޮށްދެއްވި އިހުލާސްތެރި މަސައްކަތްތަކާއި، ދެއްކެވި ނަމޫނާގެ ހަނދާން އާކޮށް، އެ ބޭފުޅުންގެ ނަން ރަންއަކުރުން ފަވައިދިނުމުގެ ގޮތުން އެރުވި އެވޯޑެކެވެ.
މި އެވޯޑް ހާއްސަވި ބޭފުޅުންގެ ތެރެއިން ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) އަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ އަހަރު ނިޔާވި ބޭފުޅެކެވެ. ސާންތީއަކީ ހަމައެކަނި ފުޓުބޯޅަ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެއް ނޫނެވެ. އޭނާއަކީ އަމިއްލަ ޖީބުން ހަރަދުކޮށްގެންވެސް، ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ، އެ ކުޅުންތެރިންގެ މުސްތަގުބަލު ބައްޓަންކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރެއްވި މުރާލި ހިދުމަތްތެރިއެކެވެ. މިއަދު ގައުމީ ސީނިއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ސާންތީގެ އިރުޝާދުގެ ދަށުން ކުޅެ، ފުޓުބޯޅައިގެ ތެރެއަށް ނުކުމެފައިވާ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި، ގައުމީ ޓީމަށް ރީތި ނަންތަކެއް ހޯދައިދިނުމުގައި ބޮޑު ހިއްސާއެއްވި ހުނަރުވެރި ގޯލްކީޕަރު އިބްރާހީމް އިފްރާހް އަރީފް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުން ވެގެންދިޔައީ އެފްއޭއެމް އެވޯޑްސް ނައިޓުގައި މުޅި ފުޓުބޯޅަ އާއިލާގެ އިހުތިރާމާއި ސަމާލުކަން ލިބިގެންދިޔަ މުހިންމު ވަގުތުކޮޅަކަށެވެ.
މި އެވޯޑާއެކު، ދިވެހި ފުޓުބޯޅައަށް އެ ބޭފުޅުން ކޮށްދެއްވި ހިދުމަތްތަކަކީ ދިވެހި ކުޅިވަރުގެ ތާރީހުގައި އަބަދުވެސް ހަނދާން އާކުރެވޭނެ، އަދި އަންނަން އޮތް ޖީލުތަކަށް ނަމޫނާއެއްގެ ގޮތުގައި ދެމިއޮންނާނެ ހިދުމަތްތަކެއްކަން ވަނީ ކަށަވަރުވެގެން ގޮސްފައެވެ.