ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުތަކުގައި ޤަވާޢިދާއި ޚިލާފަށް ބާރު ދުވެލީގައި ދުއްވާ އުޅަނދުތައް ދެނެގަނެ، އެފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ކުރިއަށްގެންދަނީ ހުޅުމާލޭގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައެވެ.
ހުޅުމާލެ ޓްރެފިކް ޕޮލިސްގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަނީފް ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިއީ މަގުތަކުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން އާންމުވަމުންދާތީ، އެފަދަ އުޅަނދުތައް ހުއްޓުވައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަޤްޞަދުގައި ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން ޤަވާއިދާ ހިލާފަށް ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޅި ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭހެން މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޙަނީފް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ހެޑް އޮފް ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޢީމް ވިދާޅުވީ، މިއީ މަގުތައް ބޭނުންކުރާ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ފެށި މަސައްކަތެއް ކަމަށެވެ.
މި އޮޕަރޭޝަންގައި ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންނާއި، ބްރިޖް އެންޑް ހައިވޭގައި ޚިދުމަތްކުރާ ފުލުހުން ޢަމަލީ ގޮތުން ބައިވެރިވަމުން އަންނަކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.