ދިވެހިންނަށް ހާއްސަ ދާއިރާތަކުގެ ވިޔަފާރިތަކުގެ ހަގީގީ ކޮންޓްރޯލް އޮތީ ދިވެހިންނަށްތޯ ކަށަވަރުކުރަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 4ސ
ދިވެހިންނަށް ހާއްސަ ދާއިރާތަކުގެ ވިޔަފާރިތަކުގެ ހަގީގީ ކޮންޓްރޯލް އޮތީ ދިވެހިންނަށްތޯ ކަށަވަރުކުރަނީ!

ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށްޓަކައި ދިވެހިންގެ މައްޗަށް މިލްކުވެރިކަން ބަދަލުކުރާނަމަ، އެ ވިޔަފާރިއަކުން ނަފާ ލިބޭ ފަރާތާއި ވިޔަފާރީގެ ކޮންޓްރޯލް އޮންނަ ފަރާތެއް ސަރުކާރުން ކަށަވަރުކުރާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އަމަލުކުރަމުންދާ ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އައު "ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސް" ގެ ދަށުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެ ދާއިރާއެއް ވަނީ ހަމައެކަނި ދިވެހިންނަށް ޚާއްޞަކޮށްފައެވެ. އެއީ:

- ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ހޯލްސޭލް އަދި ރީޓެލް ވިޔަފާރިތައް.

- ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓުގެ ޚިދުމަތް ދެމުންދާ ބޭރުގެ ފަރާތްތައް.

އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދާއިރާތަކުގައި މިހާރު ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ނުވަތަ ވިޔަފާރި ހުއްޓާލުމަށް އެއް އަހަރުގެ މުއްދަތެއް ދީފައިވެއެވެ. ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް އެ ފަރާތްތަކަށް ދެ ގޮތެއް އިޚްތިޔާރު ކުރެވޭނެއެވެ. އެއީ ކުންފުނީގެ ވިޔަފާރިކުރާ ދާއިރާ ބަދަލުކުރުން ނުވަތަ ކުންފުނީގެ މިލްކުވެރިކަން ދިވެހިންގެ މައްޗަށް ބަދަލުކުރުމެވެ.

ވިޔަފާރިތަކަށް ދިން މުއްދަތު ހަމަވިއިރު، ގިނަ އަދަދެއްގެ ވިޔަފާރިތަކުން ވަނީ ވިޔަފާރީގެ ދާއިރާ ބަދަލުކުރުމަށާއި ހިއްސާ ބަދަލުކުރުމަށް އެދި އިޤްތިޞާދީ ވުޒާރާއަށް ހުށަހަޅާފައެވެ. މިހާރު ދަނީ އެ ހުށަހެޅުންތަކާއި ލިޔެކިޔުންތައް ދިރާސާކޮށް، ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، އުސޫލުތަކަށް ފެއްތުމުގެ މަރުހަލާގައިވާ ކުންފުނިތަކުން ވުޒާރާގެ އެންގުންތަކާ އެއްގޮތަށް މަރުހަލާތައް ފުރިހަމަކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އޭގެ އިތުރުން، ހިއްސާ ބަދަލުކޮށްގެން މިލްކުވެރިކަން ބަދަލުކުރާ ވިޔަފާރިތަކުން، ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްއާ އެއްގޮތަށް، ޙަޤީޤީ އަދި މާނަހުރި ގޮތެއްގައި ދިވެހިންގެ ހިއްސާއާއި ބައިވެރިވުން އޮތްކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. ހިއްސާ ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ބަލާނެ މިންގަނޑުތައް ކުރިއަށް އޮތްތަނުގައި އާންމުކުރާނެ ކަމަށާއި، ނަމަވެސް މިހާރުވެސް އެފަދަ ހުށަހެޅުންތައް ދިރާސާކުރުމުގައި ކަށަވަރުކުރާނެ މައިގަނޑު ކަންކަން އާންމުކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން