ނަފުސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ލޮތްބާއި އޯގާތެރިކަމުގެ އިތުރުން ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭންޖެހޭ ކަމަށް ސިއްޙަތާޢި އާއިލާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ "ކަލަރ ރަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަހަރުގެ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީޤީ ބަދަލު" މި ޝިޢާރަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާ ކުރަން ހުރި ތަޖުރިބާތައް ހިއްސާކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެކަނިވެރިކަމާއި ހިތްދަތިކަމުގައި ނަފުސާނީ ގޮންޖެހުންތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކުގެ އަޑު އަހައިގެން މެނުވީ އެމީހުންނަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. މިއީ ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅު ތަޞައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ ވަގުތު،" - ސިއްޙީ ވަޒީރު ޤީލާ އަލީ
އެކަކު އަނެއްކަކަށް ލޮތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ޤައުމީ ޒިންމާއެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކާށިދޫގައި ބޭއްވި ކަލަރ ރަންއަކީ ހަމައެކަނި ދުވުމެއްގެ ގޮތުގައި ނުބެލުމަށާއި، މިއީ އެންމެން އެއްވެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއެކު އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.