ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދިއުމުން ރާއްޖޭގައި އިމާރާތްކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ ފަދަ ތަފާތު ދާއިރާތަކުން މީހުން ބިނާކޮށް، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ބޮޑެތި ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހިންގުމަށް ތައްޔާރުވަމުންދާ އެންމެ ބިޔަ އިންވެސްޓްމެންޓް މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވާ އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ދައުލަތުގެމީޑިއާއަށް ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައި ވަނީ، މި ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އޭނާ ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވާފައެވެ.
އަލްއައްބާރު ވިދާޅުވި ގޮތުގައި، މިފަދަ ކޮންމެ ބޮޑު މަސައްކަތެއްވެސް ފެށިގެން އަންނަނީ ހުވަފެންތަކަކާއި ރަނގަޅު ތަޞައްވުރެއްގެ ތެރެއިންނެވެ. އަދި އާންމު ރައްޔިތުންގެ ބައިވެރިވުމެއް ނެތް އިންވެސްޓްމެންޓަކީ އެކަށީގެންވާ ރަނގަޅު ނަފާއެއް ލިބޭނެ އިންވެސްޓްމެންޓެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާގެ މި ވިސްނުން ގުޅުވާލެއްވީ ވޭތުވެދިޔަ 40 އަހަރު ދުބާޢީ ތަރައްޤީވެގެން އައި ގޮތުގެ މައްޗަށެވެ. ދުބާޢީގައި ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދިޔައިރު ދަސްވި އެންމެ މުހިންމު ފިލާވަޅަކީ، މަސައްކަތަކީ ހަމައެކަނި ތަންތަން ބިނާކުރުމުގެ ތަރައްޤީގެ މަސައްކަތެއް ނޫންކަމާއި، އޭގެ ސަބަބުން ރައްޔިތުންނަށް ކުރާ ފައިދާއާއި އުފެދޭ ވަޒީފާގެ ފުރުޞަތުތަކަކީ ވަރަށް މުހިންމު ކަމެއްކަން ކަމަށް އަލްއައްބާރު ވިދާޅުވިއެވެ.
"އެހެންވީމާ އެއީ ޤައުމުގެ ހައިބަތު ދެއްކުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅިފައިވާ ކަމެއް. އެމަސައްކަތުގެ ސަބަބުން ވަޒީފާގެ ފުރުޞަތު އިތުރުވާންޖެހޭ. އެތަނެއްގެ ރައްޔިތުންނަށް ފައިދާވާނެހެން ކަސްޓަމަރުންވެސް ޝައުޤުވެރިކުރުވަންޖެހޭ. ސަރުކާރަށް ހަގީގަތުގައި ފައިދާވާންޖެހޭ، ޓެކްސްއާއި އާމްދަނީއިން،" އީގަލް ހިލްސްގެ ޗެއަރމަން ވިދާޅުވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ މުއްދަތުގައި އެކުންފުނިން ތަފާތު ޤައުމުތަކުގައި މަސައްކަތް ކޮށްފައިވަނީ އެ ޤައުމެއްގެ ތިބި ބަޔަކު ބައިވެރިކޮށްގެންކަން އަލްއައްބާރު ފާހަގަކުރެއްވިއެވެ. އެކުންފުނިން މިވަގުތުވެސް 20 ޤައުމެއްގައި ޚިދުމަތް ދެމުން އަންނައިރު، އެ ޤައުމުތަކުގެ އާކިޓެކްޓުންނާއި ކޮންޓްރެކްޓަރުން ބޭނުންކޮށްގެން މަސައްކަތް ކުރުމަކީ އެކުންފުނީގެ މައިގަނޑު އުޞޫލެވެ.
އަލްއައްބާރު އިތުރަށް ވިދާޅުވީ، ރަސްމާލޭގައި އެކުންފުނިން ކުރާ މަސައްކަތްތަކަކީ ހަމައެކަނި ޕްރޮޖެކްޓެއް ހިންގުން ނޫން ކަމަށާއި، މައިގަނޑު ބޭނުމަކީ ދިވެހިން ތަމްރީނުކޮށް، އިންސާނީ ވަސީލަތް ބިނާކޮށް، ދިވެހިންނަށް ސީދާ ފައިދާވާނެ ގޮތަށް ކަންކަން ރޭވުން ކަމަށެވެ.