ޢަމަލީ މަސައްކަތްތަކުގެ މައިދާނަށް ބޭނުންވާ ތަފާތު ހުނަރުތައް އުނގަންނައިދިނުމަށް ޚާއްޞަކޮށްގެން ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ތަފާތު ކޯސްތަކުން 690 ދަރިވަރަކު ދަސްވެނިވެ، ސަނަދު ހާސިލުކޮށްފިއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ގޮފިތައް ހިންގަމުން އަންނަ ޕޮލިޓެކްނިކުން ވަނީ އެ އިންސްޓިޓިއުޓުގެ ކޯސްތައް އެކި ދާއިރާތަކަށް އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން މި ފަހަރުގެ ދަސްވެނިވުމުގައި ޖުމްލަ 55 އެކަޑަމިކް ޕްރޮގްރާމަކުން ދަރިވަރުން ވަނީ ތަޢުލީމު ހާސިލުކޮށްފައެވެ.
މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ:
- ޑިޕްލޮމާ: 3 ޕްރޮގްރާމް
- އެޑްވާންސް ސެޓިފިކެޓް (ލެވެލް 4): 7 ޕްރޮގްރާމް
- ނޭޝަނަލް ސެޓިފިކެޓް (ލެވެލް 4): 2 ޕްރޮގްރާމް
- ސެޓިފިކެޓް ލެވެލް 3: 25 ޕްރޮގްރާމް
- ނޭޝަނަލް ސެޓިފިކެޓް (ލެވެލް 3): 14 ޕްރޮގްރާމް
- ސެޓިފިކެޓް ލެވެލް 2: 1 ޕްރޮގްރާމް
- ސެޓިފިކެޓް ލެވެލް 1: 3 ޕްރޮގްރާމް
މީގެ އިތުރުން، ތަފާތު 9 ދާއިރާއަކުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ހަދައި، 42 ފަރާތަކަށް ވަނީ ސަނަދު ދީފައެވެ.
ކާމިޔާބުކަމާއެކު ނިންމާލި މި ޕްރޮގްރާމްތަކުގައި ދަސްވެނިވި 690 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 401 ފިރިހެން ދަރިވަރުންނާއި 289 އަންހެން ދަރިވަރުންނެވެ. އަދި 12 ދާއިރާއެއްގެ 17 ޕްރޮގްރާމަކުން ފާހަގަކޮށްލެވޭ ފަދަ މަތީ ކާމިޔާބީތައް ހޯދި 39 ދަރިވަރަކަށް ވަނީ "އެކްސެލެންސް އެވޯޑް" އަރުވާފައެވެ.
ޕޮލިޓެކްނިކްގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މިއަހަރުގެ ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ އިސްބޭފުޅުންގެ އިތުރުން ތަޢުލީމީ ވުޒާރާގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.