ޤައިދީން އިސްލާހުކުރުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޤައިދީން އިސްލާހުކުރުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް: ވަޒީރު

ޖަލުގައި ތިބޭ ޤައިދީން އިސްލާހުކޮށް، މުުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް އެ މީހުން ހެދުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ޤައުމީ ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ އޮފިސަރުންތަކެއް ކަމަށެވެ.

މީހަކު ކުށްކޮށްގެން ކޯޓު ޕްރޮސެސްއަށްފަހު ޖަލަށް އައިސް، ޖަލުން ނިކުމެ އަނބުރާ މުޖްތަމަޢުއަށް ދިއުމާމެދު އެމީހުންނާ ޙަވާލުވެ އެ ދެމެދުގައި ހުންނަނީ އޮފިސަރުން ކަމަށާއި، ސަލާމަލާތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޖަލުގައި ތިބޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދީ، އެފަރާތްތައް އިސްލާހުކޮށް، މުޖްތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އެ ޒިންމާ އަދާކުރާނީ ތަމްރީންވެގެން ނިކުންނަ އޮފިސަރުން. ބާކީ އަސްލު ވާޖިބު އަދާކުރުމުގެ މަސްއޫލިއްޔަތުތައް މިއަދުން ފެށިގެން ދެން މިއޮތީ ކުރިއަށް. ކޮންމެ ދުވަހަކީ މިދެންނެވި ޤައުމީ ވާޖިބު އަދާކުރާނެ ދުވަހެއް. ކޮންމެ އޮފިސަރެއްވެސް އަޒުމު ކަނޑައަޅަންވާނީ މިއަދުން ފެށިގެން ރަސްމީ މަސައްކަތުގަ ހޭދަކުރާ ކޮންމެ ދުވަހަކީ މިދެންނެވި ޤައުމީ ވާޖިބު އަދާކުރުމަށާއި އަޅުގަނޑުމެންގެ ވުޒާރާ އާއި ރައްޔިތުންނަށާއި ހެއްދެވި ފަރާތަށް އިޚްލާސްތެރިކަމާއެކީ މަސައްކަތް ކުރާ އޮފިސަރުންތަކަކަށް. ވަޒީރު

ކޮންމެ އޮފިސަރެއްގެ އެންމެ އަސާސީ ކަމަކީ އަޚްލާގުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ތަމްރީނުން ދަސްވި ދީނީ ކަންކަމާއި އަދި މުޖްތަމަޢުގެ ތެރެއިން ދަސްކުރާ ރަނގަޅު ހުލްގު ދެމެހެއްޓުމަށްވެސް އެދިވަޑައިގެންފައެވެ.

އެ އަޚްލާގުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ނުގުޑާފަދަ އަޒުމެއްގައި އޮންނަ އެ މީހާގެ އިންޓެގްރިޓީ. ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއްގެ އިންޓެގްރިޓީއާ ދޭތެރޭ ޝައްކު އުފެދޭ ހާލަތެއް އައިސްފިކަމަށް ވާނަމަ އެއީ ޚިދުމަތުގަ އެމީހާ ފެއިލްވާ ހިސާބު. ވަޒީރު

އިންޓެގްރިޓީ ފެއިލްވުމުން ޚިދުމަތުގަ އެ އޮފިސަރަކު ނުބަހައްޓާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކޮންމެ އޮފިސަރަކުވެސް މަސައްކަތް ކުރަންވާނީ ޤާނޫނު ތަންފީޒު ކުރުމުގަ އާއި ޑިއުޓީ އަދާކުރުމުގަ ތެދުވެރިކަމާއެކީގައި ކަމަށެވެ.

އަމިއްލަ ނަފްސަށާއި ދީނަށް ތެދުވެރިވެ، އަދި ކޮންމެ މީހަކު ކޮންމެ ހުށަހެޅުމެއް ހުށަހެޅިޔަސް އިންޓެގްރިޓީ ދެމެހެއްޓުމަށް ނުގުޑާފަދަ އަޒުމު ކަނޑައަޅައި ދެމެހެއްޓުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން