މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ. މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އުސްތާޛް އަޙްމަދު ސިއްދީޤް، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
33 ބައިވެރިންނާއެކު ފެށި މި ކޯސް ފުރިހަމަކޮށްފައިވަނީ 32 ދަރިވަރުންނެވެ. މީގެ ތެރޭގައި އިންޑަކްޝަން ޓްރޭނިންގ ހަދާފައިވާ ތިން އޮފިސަރުން ހިމެނެއެވެ.
މި ކޯސް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.
އަދި ޤައިދީން އިސްލާޙުކޮށް، ކުރިއަށް ދާންވީމަގު ހޯދުމަށް އެހީތެރިވުމުގައި ޕްރިޒަން އޮފިސަރުން އަދާކުރާ ރޯލުގެ މުޙިއްމުކަން ދޭހަކޮށްދިނުމުގެ ގޮތުން، ފުރަތަމަ ފަހަރަށް މި ކޯހުގައި “އިންޓްރޮޑަކްޝަން ޓު ރިހެބިލިޓޭޝަން” މޮޑިއުލެއް ވަނީ އެކުލަވާލާފައެވެ.
މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ހަވާލުކޮށްފައިވެއެވެ.
މި ޕްރޮގްރާމްގެ “ބެސްޓް އޯލް ރައުންޑް” އަށް ޕްރިޒަން ޕްރައިވެޓް ހަމްނާ ނައީމް ހޮވިފައިވާއިރު، ޕްރޮގްރާމްގެ “ފިޓަސްޓް ފިރިހެން އަދި އަންހެން އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް މުޙައްމަދު ދާނިޝް ފަޠުހުﷲ އާއި ޕްރިޒަން ޕްރައިވެޓް ޒުމްރާ އަޙްމަދުއެވެ.
ޗާލީ ޕްލެޓޫނުން އެންމެ ފާހަގަކޮށްލެއްވޭ އޮފިސަރަށް ޕްރިޒަން ޕްރައިވެޓް މުޙައްމަދު އައިހަމް ޙަސަން ހޮވިފައިވާއިރު، އައިވަރީ ޕްލެޓޫނުން ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ލޫޠު އިބްރާހިމްއެވެ. އަދި “އެންމެ މޮޅު ޕްލެޓޫން” ށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.
ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މޫސާ ނަސީމްއެވެ.
ހަބަރު: ސަރުކާރު