އަންނަ އަހަރު ސަޤާފީ 8 ދާއިރާއަކުން މޯލްޑިވްސް ޕޮލިޓެކްނިކުގައި ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާކަން ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު އިޢުލާނު ކުރައްވައިފިއެވެ. ވަޒީރު މިކަން އިޢުލާނު ކުރެއްވީ މޯލްޑިވްސް ޕޮލިޓެކްނިކުގެ މިއަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނަކީ ޒަމާނީ ތަޢުލީމީ ނިޒާމެއްގައި ކޮންމެހެން ބޭނުންތެރި ބައެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޖަރުމަނު، ސުވިޒަލޭންޑު، އޮސްޓްރިއާ، ޑެންމާކް އަދި ސިންގަޕޫރު ފަދަ ޤައުމުތަކުންވެސް ތަޢުލީމާއި މަސައްކަތުގެ މާޙައުލު ގުޅުވައިދީ، މި ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ފަންނީ ހުނަރުވެރިން ނެރުމުގައި މިފަދަ ތަޢުލީމުގެ ދައުރު ވަރަށް ބޮޑުކަމަށް ބައިނަލްއަޤުވާމީ ދިރާސާތަކުން ދައްކާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްތެރިކަމުގެ ތަޢުލީމަށް އޮތް ޝައުޤުވެރިކަން އިތުރުވަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު 441 ދަރިވަރުން ދަސްވެނިވި ނަމަވެސް، މިއަހަރު 690 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. މިއީ ދާއިރާގެ ކުރިއެރުން އަންގައިދޭ އުއްމީދީ ނަންބަރެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
އަމިއްލަވަންތަކަމާ ގުޅިފައިވާ ސަޤާފީ ހުނަރުތައް ރައްކާތެރިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސަޤާފީ 8 ދާއިރާއަކުން ޤައުމީ މިންގަނޑުތައް އެކުލަވާލުމާއި ހުނަރު ދެނެގަތުމުގެ މަސައްކަތްތައް މިހާރު ނިމެމުންދާ ކަމަށެވެ. އެގޮތުން ސަޤާފީ ގަހަނާ ހެދުމުގެ ފަންނީ ހުނަރު ދެނެގަތުމުގެ އިމްތިޙާނުތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސަޤާފީ ހުނަރުތަކުގެ ވާހަކައަކީ އެއިން އުފައްދާ އެއްޗެއްގެ ވާހަކަ އެކޏެއް ނޫން. ސަޤާފީ ގަހަނާއެއް ފަރުމާކުރުމަކީ އެ އެއްޗެއް ހަދާފައިވާ މާއްދާއަށްވުރެ މާ ފުން މާނައެއް އެކުލެވޭ ކަމެއް. އޭގެ ފަހަތުގައިވަނީ އިލްމާއި، ތަޖުރިބާއިން އުނގެނިފައިވާ އުކުޅުތަކާއި، ޚާއްޞަ ބަސްމަގާއި، ސަޤާފީ މާނަތައް. މިއީ އަޅުގަނޑުމެންގެ ތަރިކަ ރައްކާތެރިކުރުމާމެދު ތަފާތު ގޮތަކަށް ވިސްނުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް،" ވަޒީރު ހީނާ ވިދާޅުވިއެވެ.
އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތައް ފަރުމާކުރުމުގައި އެމްއެންއެސްޑީއޭ އިން ބޮޑު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މި ކޯސްތަކުގެ ސަބަބުން ސަޤާފީ ދާއިރާއިން އިތުރު ފަންނާނުން އުފެދި، ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.