ހއ. ތުރާކުނުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހއ. ތުރާކުނުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެ

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. ތުރާކުނުގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމާއެކު، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައިވެސް ސްޓެލްކޯގެ ޚިދުމަތްތައް މިވަނީ ފުޅާވެގެން ގޮސްފައެވެ.

ތުރާކުނު އިންޖީނުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ރަށުގެ ޔުޓިލިޓީ ޚިދުމަތްތަކާ ހަވާލުވުމުގެ ގޮތުން ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރުއެވެ.

މި ރަސްމިއްޔާތަކީ އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތްތައް ފުޅާކޮށް، އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިންގެ ޓީމަކުން ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެކެވެ.

ސްޓެލްކޯއިން މަސައްކަތް ކުރަމުންދަނީ އަތޮޅުތަކުގެ ރަށްރަށުގައި ދެވޭ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި ހަރުދަނާ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.

މިއަދު އޮންލައިން