ތިބާ ﷲ ތަޢާލާދެކެ ލޯބިވާނަމަ އަދި ދީނަށް ލޯބިކުރާނަމަ ތިބާގެ ކިބައިން ފެންނަންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ތިބާ ﷲ ތަޢާލާދެކެ ލޯބިވާނަމަ އަދި ދީނަށް ލޯބިކުރާނަމަ ތިބާގެ ކިބައިން ފެންނަންޖެހޭ ކަންކަން-

ދީނުގެ ވާހަކަ ކިތަންމެ ގިނައިން ދެއްކިނަމަވެސް އަދި ދީނަށް ގޮވާލަމުން ގެންދިއަނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހަކު ކަމަކަށްވެސް ނުވެއެވެ. ސަބަބަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާކަން ދައްކަން ކުރަންޖެހޭ ފުރަތަމަ ކަމަކީވެސް ދީނަށް ޢަމަލުކުރުމެވެ. ޢަމަލުނުކުރާނަމަ އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހަކު ކަމަކަށް ނުވާނެއެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިއަކަށްވެސް ނުވާނެއެވެ.  

އެކަން ބަޔާންކޮށްދެއްވައި ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.  

"މީހަކު ދެކެ ލޯބިވާނަމަ އެމީހަކާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދަމުއެވެ. އެމީހާ ރުޅިއަންނަ ކަންތައްތަކާ ދުރުހެލިވަމުއެވެ. އެމީހާ ލޯބިކުރާ ކަންކަން ކުރުން ގިނަ ކުރަމުއެވެ! އޭނާގެ ރުހުން ހޯދަން ގަދައަޅައި މަސައްކަތްކުރަމުއެވެ. ﷲ ތަޢާލާ އާއި އިސްލާމް ދީން ދެކެ ލޯބިވާނަމަ ދީން އުނގެނޭށެވެ! ދީނުގައި މަނާކަންކަން ނުކުރާށެވެ! ﷲ ލޯބިވެވޮޑިގަންނަވާ އަމަލުތައް ކުރުން ގިނަކުރާށެވެ!"  

ޢިލްމުވެރިޔާ ކުރުކުރުކޮށްލައްވަވާފައި އެވަނީ ވަރަށް އަގުހުރި ވަރަށްގިނަ ވާހަކަތަކެކެވެ. އެވާހަކަކޮޅު ދެބައިކޮށްލަމާ ހިނގާށެވެ!  

މީހަކުދެކެ ލޯބިވީމާ: "މީހަކު ދެކެ ލޯބިވާނަމަ އެމީހަކާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދަމުއެވެ. އެމީހާ ރުޅިއަންނަ ކަންތައްތަކާ ދުރުހެލިވަމުއެވެ. އެމީހާ ލޯބިކުރާ ކަންކަން ކުރުން ގިނަ ކުރަމުއެވެ! އޭނާގެ ރުހުން ހޯދަން ގަދައަޅައި މަސައްކަތްކުރަމުއެވެ." 

ﷲ އާއި އިސްލާމްދީންދެކެ ލޯބިވާނަމަ: "ﷲ އާއި އިސްލާމް ދީން ދެކެ ލޯބިވާނަމަ ދީން އުނގެނޭށެވެ! ދީނުގައި މަނާކަންކަން (ކުރުން ހުއްދަ ނޫން ކަންކަން) ނުކުރާށެވެ! ﷲ ލޯބިވެވޮޑިގަންނަވާ އަމަލުތައް ކުރުން ގިނަކުރާށެވެ!"  

ކޮންމެ މީހަކުވެސް ބުނާނީ އެންމެ ބޮޑަށް ލޯބިވަނީ ﷲ އާއި ރަސޫލާ ﷺ އާއި އިސްލާމްދީން ދެކެކަމަށެވެ. ނަމަވެސް އަހުރެންގެ ސުވާލަކީ އެކަމުގެ ހެކިދެއްކޭނެ ހެއްޔެވެ؟ އެއްވެސް ޙާލެއްގައި ހެއްކަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. ހެކިދައްކަންޖެހޭނީ އެމީހާކުރާ ޢަމަލުތަކުންނެވެ. އެހެންކަމަށްވާއިރު ޢިލްމްވެރިޔާ ވިދާޅުވެފައިއެވާ ފަދައިން ތިމާގެ ޢަމަލުތައް ބެހެއްޓޭހެއްޔެވެ؟ ބެހެއްޓޭނަމަ އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އެމީހަކަށެވެ. އެހެންމީހަކަށް ނޫނެވެ.  

އަހުރެންގެ އާދޭހަކީ ތިމާއަކީ އެންމެ ބޮޑަށް ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކަށްވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން