ފޭރާންލުމުގައި ދެއްކުންތެރިވެއްޖެނަމަ ޤިޔާމަތް ދުވަހު ނިކަމެތިކުރައްވަވާނެވަރު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ފޭރާންލުމުގައި ދެއްކުންތެރިވެއްޖެނަމަ ޤިޔާމަތް ދުވަހު ނިކަމެތިކުރައްވަވާނެވަރު އެނގޭތަ؟

އަޅުގަނޑު މަސައްކަތްކުރާ އޮފީހަށް ބެލިނަމަވެސް ވަޒީފާއަކަށް ބޭނުންނުވާ، ތަނަވަސްކަންހުރި އަންހެންކުދިންވެސް މަސައްކަތްކުރެއެވެ. ފަހަރެއްގައި އެއީ ކިޔެވި އެއްޗެއްގެ ބޭނުން ހިފުން ނޫނީ އަމިއްލައަށް މަސައްކަތެއް ފަށަން ބޭނުންވާ ޢަމަލީ ތަމްރީނު ހޯދުން ކަމަށްވެސް ވެދާނެއެވެ. އެފަދަ ކުދިން ހެދުންލައި އުޅެނީ ވަރަށް އަގުބޮޑު ފޮތިންނެވެ.

ދެންވާގޮތަކީ ލިބޭ މުސާރައިން ދެކޮޅު ނުޖެއްސިގެން އުޅޭއިރުވެސް ތިމާގެވެސް އެފެންވަރު އެބަހުރިކަން ދައްކަންވެގެން މަހުގެ މުސާރައިން ބޮޑުބައެއްދީފައި އެފެންވަރުގެ ފޮތިގަނެގެން ހެދުން އެބަލައެވެ. އަދިވެސް އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. ތިމާގެ ކިބައިގަ ތަނަވަސްކަން ހުރިވަރު ދައްކަންވެގެންވެސް އަގުބޮޑު ފޭރާންލާ ބައަކު އުޅެއެވެ.

އަޅުގަނޑުގެ ސުވާލަކީ ދީނީ ގޮތުން މިކަން އޮންނަނީ ކޮން ގޮތަކަށްތޯއެވެ؟

ތިއަކުރެއްވީ ދީނީ ގޮތުން ވަރަށް މުހިންމު ސުވާލެކެވެ. އެހެންވެ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.

"مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ" މާނައި: "ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ." 

(އަބޫދާއޫދްގެ ކިބައިން ރިވާވެފައިވާ ޞައްޙަ ޙަދީޘެއް).—ޝައިޚް މުޙައްމަދު ޝާފިޢު

އަޅުގަނޑުމެންގެ ތެރޭގައި ހެދުން އެޅުން މިވަނީ އެންމެ ބޮޑު އެއް ވާދަވެރިކަމަށްވެފައެވެ. އެކަކަށްވުރެ އަނެކަކު ކުރތިއަރަން ދަނީ ވާދަކުރަމުންނެވެ. ފޮތިމުށެއްގެ އަގު 700، 800 ރުފިޔާއަށް އެރި ނަމަވެސް ދަނީ ވިކި ހުސްވަމުންނެވެ. އަންހެނުން ހެދުންލާ ފޮތްޗާއި ފިރިހެނުން ގަމީސްލާ ފޮތިވެސް ހިމެނޭ ގޮތުންނެވެ!

ނިކަން ވިސްނައިލަބަލާށެވެ! އަންހެނަކު ލާ ހެދުން ފަހަން 5 މުށް ފޮތި ބޭނުންވާނަމަ 4000 ރުފިޔާގެ އަގު ހަމައެކަނި ފޮތިގަނޑަށް އެބަ އަރައެވެ. ފިރިހެނެއްގެ ގަމީހަށް 4 މުށް ބޭނުންވާ ނަމަ 3200 ރުފިޔާ ހަމައެކަނި ފޮތިގަނޑަށް އެބަ އަރައެވެ. މިހައި އަގު ފޮތިގަނޑަކަށް ހޭދަކުރުމުން ދެއްކުންތެރިކަމަށްޓަކައި ކުރެވޭ ބޮޑު އިސްރާފަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟

އަދި މިކަމުގައި އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭ ކަމަކީ މިހައި އަގުބޮޑު ފޭރާން ގަނެ ހުސްކުރަނީ މުއްސަނދިން ނޫން ކަމެވެ. އެމީހުން ފޭރާން ގަންނަނީ ރާއްޖެއަކުން ނޫނެވެ! ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައެވެ.

މީހަކު ލާ ހެދުމުގެ ރީތިކަމާއި އަގަށް ނުވިސްނާށެވެ! އެކަން އެމީހާއަށް ދޫކޮށްލާށެވެ! އޭނާގެ ހެދުމާއި ވާދަނުކުރާށެވެ! ވާދަކުރުމުން އެދެވެނީ ވާދަކުރުމުގެ މަގުންނެވެ! ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވަވާނެ މީހުންގެ ތެރޭގައި ހިމެނިދާނެ ކަމަށް ބިރުވެތިވާށެވެ!

ނަމަވެސް އެމީހާގެ ކިބައިގައި ފުދުންތެރިކަން ހުރިނަމަ ރީތި އަދި އަގުބޮޑުފޭރާންލުމަކީ އެއްވެސް މައްސަލައެއް ނޫންކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އޭނާގެ ނިޔަތުގައިވެސް ދެއްކުންތެރިކަން އޮވެއްޖެނަމަ އެކަންވާނީ ހަމަ މައްސަލައަކަށެވެ.

- މިއަދުނޫސް

މިއަދު އޮންލައިން