ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ބައުވެފައިވާ ހުރިހާ މިސްކިތްތަކެއް އައުކޮށް ނިންމާލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ވިލިމާލޭގައި ހުރި 'މަސްޖިދުއްސަލާމް' މިސްކިތް ހުރި ބިމުގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މަސްޖިދުއްސަލާމް އަކީ ފާއިތުވި 25 އަހަރު ދުވަހު ވިލިމާލޭގައި ބޭނުންކުރަމުން އައި މިސްކިތެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ މިސްކިތް ތަޅާލައި އައު މިސްކިތެއް އެޅުމަކީ ވަރަށް ދުވަސްވީ އުންމީދެއް ކަމަށެވެ. އަދި އަލަށް ބިނާކުރެވޭ މިސްކިތް ވެގެންދާނީ ވިލިމާލޭގައި ހުންނާނެ އެންމެ ރީތި އެއް މިސްކިތަށް ކަމަށާއި، އުންމީދަކީ ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމައި އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް އައުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، މާލެ ސަރަހައްދުގައި ބައުވެފައި ހުރި މިސްކިތްތަކުގެ ތެރެއިން އެކެއް ފިޔަވައި އެހެން ހުރިހާ މިސްކިތަކަށް މިހާރު ވަނީ ސްޕޮންސަރ ހަމަޖެހި، މަސައްކަތް ފެށިފައެވެ. އަދި ބައެއް މިސްކިތްތަކުގެ މަސައްކަތް ވަރަށް ބޮޑަށް ނިމިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އެންމެ މިސްކިތެއް ފިޔަވައި އެހެން ހުރިހާ ތަނަކަށް ސްޕޮންސަރ ލިބިފައިވާއިރު، ހެންވޭރުގައި ހުރި އެ މިސްކިތަށްވެސް ދީލަތި ފަރާތެއްގެ އެހީތެރިކަން މިހާރު ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސްކިތް ބިނާކުރުމަކީ މާތްﷲ ބަރަކާތް ލައްވާ މަތިވެރި މަސައްކަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުތައް ނިމިގެންދާއިރު މާލެ ސިޓީ ވެގެންދާނީ ނުހަނު ރީތި މިސްކިތްތަކެއް ހުރި މާހައުލަކަށް ކަމަށެވެ.