ޖަލުގައި ތިބޭ ޤައިދީން އިޞްލާޙުކޮށް، މުޖުތަމަޢު ބަލައިގަންނާނެ ފަދަ ބޭނުންތެރި ފަރުދުންނަށް ހެދުމަކީ ތަމްރީނުވެގެން ނުކުންނަ ޖަލު އޮފިސަރުންގެ ބޮޑު ޒިންމާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ޤައުމީ ބޮޑެތި ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ ބައެއް ކަމަށެވެ.
އެގޮތުން ކުށެއް ކޮށްގެން ކޯޓު މަރުޙަލާއަށްފަހު މީހަކު ޖަލަށް ވަންނަ ހިސާބުން ފެށިގެން، އަނބުރާ މުޖުތަމަޢަށް ނުކުތުމާ ހަމައަށް އެފަރާތްތަކާ ޙަވާލުވެ ތިބެނީ ޖަލު އޮފިސަރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން، ޖަލުގައި ތިބޭ މުއްދަތުގައި އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދީ، އެމީހުން އިޞްލާޙީ މަގަށް ގެންގޮސް މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ކަރެކްޝަންސްގެ މައިގަނޑު މަސްއޫލިއްޔަތު ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެ ބޮޑު ޒިންމާ ޢަމަލީގޮތުން އަދާކުރާނީ ތަމްރީނުވެގެން ނުކުންނަ އޮފިސަރުން ކަމަށާއި، މަޤާމުގެ މަސްއޫލިއްޔަތާ ޙަވާލުވުމަށްފަހު ކޮންމެ ދުވަހަކީވެސް އެ ޤައުމީ ވާޖިބު އަދާކުރުމުގައި ދެމިތިބެންޖެހޭ ދުވަހެއް ކަމަށެވެ.
އެހެންކަމުން، ހުވާކުރުމާ ހަމައިން ފެށިގެން ރަސްމީ މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ޤައުމީ ވާޖިބު އަދާކުރުމަށާއި، ދާޚިލީ ވުޒާރާއަށާއި ރައްޔިތުންނަށް، އަދި ހެއްދެވި ފަރާތަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާނެ ދުވަހެއްގެ ގޮތުގައި އަޒުމު ކަނޑައެޅުމަށް ސާބިތުވުމަށް ވަޒީރު ވަނީ އެންމެހައި އޮފިސަރުންނަށް އިލްތިމާސް ކުރައްވާފައެވެ.