ނަފުސާނީ ބަލިތަކާ ގުޅުވައިގެން މުޖުތަމަޢުގައި ގެންގުޅޭ ނުބައި ތަސައްވުރުތައް ނައްތާލައި، އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ފަދަ އޯގާތެރި މާހައުލެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަން ބިނާވެގެންވަނީ އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢުތަކުންނާއި ވަށައިގެންވާ މީހުންގެ ފަރާތުން ލިބޭ އަޅާލުމުގެ މައްޗަށް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ގޭތެރެއިންނާއި ސްކޫލްތަކުން، މަސައްކަތުގެ މާހައުލުން އަދި މުޖުތަމަޢުގެ ތެރެއިން އެކަކު އަނެކަކަށް އަޑުއަހައި ދޭ އެހީތެރިކަމަކީ ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނަފުސާނީ ގޮންޖެހުންތަކާ ކުރިމަތިލާ ފަރާތްތަކަކީ ޙަޤީޤީ އެހީތެރިކަން ބޭނުންވާ ގޮތުގެ އަގުހުރި މަޢުލޫމާތާއި އިޙްސާސްތައް ދަންނަ ބައެއްކަން ބަލައިގަންނަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމާ މެދު ގެންގުޅޭ ވިސްނުމާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރަންޖެހޭ ކަމަށާއި، އެހީތެރިކަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ އެހީ ލިބެން ހުރިކަމުގެ ހޭލުންތެރިކަން އިތުރުކޮށް، އެހީ ހޯދުމަށް ހިތްވަރު ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ނަފުސާނީ ބަލިތަކާ މެދު އޮންނަ ނޭދެވޭ ތަސައްވުރުތައް ނައްތާލައި، ކޮންމެ މީހެއްގެ އަޑުވެސް އަހައިދީ، އެންމެންނަށް އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ބިނާކުރުމަށް ގޮވާލައްވާފައެވެ.