ދެކުނުގެ ރައްޔިތުންނަށް ބޮޑު ލުޔެއް: ރަމަޟާން ޢުމްރާއަށް ގަމުން ސީދާ ޖިއްދާއަށް ދެވޭގޮތް ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދެކުނުގެ ރައްޔިތުންނަށް ބޮޑު ލުޔެއް: ރަމަޟާން ޢުމްރާއަށް ގަމުން ސީދާ ޖިއްދާއަށް ދެވޭގޮތް ހަދައިފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުއިފަސޭހައެއް ހަމަޖައްސައިދިނުމުގެ ގޮތުން، އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަކޮށްގެން ބާއްވާ މި ޚާއްޞަ ފްލައިޓުގެ ދަތުރު އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި ދަތުރުގައި ގަމުން ސީދާ ޖިއްދާއަށް ދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ރަމަޟާން މަހުގެ ފަހު 15 ގެ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. އަދި މުޅި ރަމަޟާން މަހު ޢުމްރާގެ އަޅުކަމުގައި ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.

މި ދަތުރުތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ޖާގަ ކަށަވަރުކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" (faheli.mv) މެދުވެރިކޮށް ނުވަތަ އެ ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓް (hajj.mv) މެދުވެރިކޮށެވެ.

ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން މި ދަތުރުތަކުގައި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިމެނޭ މުހިންމު ޚިދުމަތްތަކަކީ:

- ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކާއި ފާމަސީގެ ޚިދުމަތް ދިނުން

- ހިލޭ ވެކްސިން ޖަހައިދިނުން

- މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ޚިދުމަތް ހަމަޖެއްސުމާއި، މަދީނާގައި 3 ރޭ ހޭދަކުރުން

- ދިވެހި ކެއުމާއި، ލޯންޑްރީ އަދި އިސްތިރިކުރުމުގެ ޚިދުމަތް

- ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދު ފޯރުކޮށްދިނުން

- ޢުމްރާ ކިޓް، ބަގީގެ ޚިދުމަތް އަދި ލޮކޭޝަން ޓްރެކިންގ ޑިވައިސް ފޯރުކޮށްދިނުން

ޙައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ކޮންމެ އަހަރަކު ޖުލައި މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ރަމަޟާން މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމެވެ.

މިއަދު އޮންލައިން