ދައުލަތުގެ ހައްޤުތައް އަނބުރާ ހޯދުން: ޚިޔާނާތާއި ކުށުގެ މުދާ ހިފަހައްޓަން ހަރުދަނާ ޤާނޫނެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 39ސ
ދައުލަތުގެ ހައްޤުތައް އަނބުރާ ހޯދުން: ޚިޔާނާތާއި ކުށުގެ މުދާ ހިފަހައްޓަން ހަރުދަނާ ޤާނޫނެއް!

ދިވެހިރާއްޖޭގެ މުޖުތަމައާއި އިޤްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވައްކަމާއި، ޚިޔާނާތާއި، މަނީ ލޯންޑަރިން އަދި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ނުރައްކާތެރި ޖިނާއީ އަމަލުތަކުން މީހުން ނުހައްޤު މުއްސަނދިކަން ހޯދަމުން ދިއުމެވެ. ދައުލަތުގެ އިދާރާތަކުން ފެށިގެން އާންމު ފަރުދުންނާ ހަމައަށް ފެތުރިފައިވާ މި ނުބައި ވަބާއަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަކީ ޒަމާނުއްސުރެ ރައްޔިތުން އެދިއެދި ތިބި ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އެމަނިކުފާނުގެ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން މި މައްސަލަ އެއްކޮށް ނައްތާލެއްވުމަށް ވެވަޑައިގެންނެވި ވައުުދާ އެއްގޮތަށް، މިހާރު މިވަނީ މިފަދަ ޖަރީމާތައް މުލުންލުހެލުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު އަޅަން ފަށާފައެވެ.

މިހާތަނަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު އުނިކަމަކީ، ބޮޑެތި ކުށްތައް ސާބިތުވާ މީހުންނަށް ހަމައެކަނި ޖަލު ހުކުމެއް އައުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކުށްކޮށްގެން ހޯދާ ބޮޑެތި މާލީ މަންފާތައް ބޭނުންކޮށްގެން ވިޔަފާރިތައް ފުޅާކޮށް، ޖަލު އަދަބު ނިންމުމަށްފަހު އެ މީހުން މުޖުތަމަޢަށް ނުކުންނަނީ އެތައް ރައްޔިތެއްގެ ހައްޤުތަކަށް އަރައިގަނެގެން ހޯދި ނުހައްޤު މުއްސަނދިކަމުގެ އަރާމުގައެވެ. މި ހިތި ހަޤީޤަތް ބަދަލުކޮށް، ޖިނާއީ އަމަލުތަކުން އުފައްދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭނެ ވަރުގަދަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ޚާއްސަ ބިލެއް ހުށަހަޅާފައެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި މި ބިލަކީ ޖިނާއީ ކުށްތަކުން ހޯދާ މާލީ މަންފާތަކުގެ ބޭނުންކުރުން އެއްކޮށް ހުއްޓުވައި، އެފަދަ މުދާތައް ދައުލަތަށް އަނބުރާ ހޯދުމުގެ މައިގަނޑު ހަ މަޤްސަދެއްގެ މައްޗަށް އެކުލަވާލެވިފައިވާ ބިލެކެވެ. އޭގެ ތެރޭގައި ކުށް ސާބިތުވެގެންނާއި، އިސްތިސްނާ ހާލަތްތަކުގައި ޝަރީއަތަށް ކުށް ސާބިތުނުވި ނަމަވެސް މަދަނީ މިންގަނޑުން އެއީ ނާޖާއިޒު މުދަލެއްކަން އެނގޭ ހިނދު "ސިވިލް ފޯފީޗާ" ގެ ދަށުން މުދާ ނެގުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ލިބިދިނުން ހިމެނެއެވެ. މީގެ އިތުރުން، މި ޤާނޫނު އައުމުގެ ކުރިން ކޮށްފައިވާ ކުށްތަކުން ހޯދާފައިވާ މުދަލާއި، ރާއްޖެއިން ބޭރުގައި ފޮރުވާފައި ހުންނަ މުދާތައްވެސް ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު ދައުލަތަށް ނެގުމުގެ މަގު މި ބިލުން ތަނަވަސްކޮށްދެއެވެ.

މި ބިލުގެ ދަށުން ދައުލަތަށް މުދާ ނެގޭނެ ބޮޑެތި ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން، ޓެރަރިޒަމް، މީހުން މެރުން، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި، ކޮރަޕްޝަން އަދި ޖިންސީ ގޯނާގެ ކުށްތައް ހިމެނެއެވެ. މީގެ އިތުރުން، 500،000 ރުފިޔާއަށް ވުރެ މަތީގެ ޓެކުހަށް މަކަރުހެދުމުގެ މައްސަލަތަކާއި، 100،000 ރުފިޔާއިން މަތީގެ ވައްކަމާއި ޚިޔާނާތާއި ފޭރުމުގެ ކުށްތަކުން ހޯދާފައިވާ މުދާތައްވެސް ދައުލަތަށް ނެގޭނެއެވެ. އަދި ޝައްކުކުރެވޭ އެކައުންޓުތައް، އެ ފަރާތަށް ނޭނގި 3 މަސް ދުވަހަށް މޮނިޓަރ ކުރުމުގެ ކޯޓު އަމުރު ހޯދުމާއި، އެފަދަ މަޢުލޫމާތު ލީކުކޮށްފިނަމަ ބޭންކުތަކާއި ފަރުދުން 1 ލައްކައާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ކޯޓުތަކަށް ލިބިގެންދެއެވެ.

މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާ "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި މިނިވަން އިދާރާއެއް އުފައްދަންޖެހެއެވެ. މި އިދާރާގެ ޒިންމާއަކީ ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމާއި، އަގުކުރުމާއި، އެ މުދާ ނީލަން ކިޔުމެވެ. ނަމަވެސް އެ މުދާ އޭގެ އަސްލު ވެރިފަރާތަށާއި އޭނާގެ އާއިލާއަށް ވިއްކުން މި ބިލުން މަނާކުރެއެވެ. ހަމައެއާއެކު، 60 ދުވަހުގެ ތެރޭގައި "ރިކަވަރޑް އެސެޓް ފަންޑު" އެކުލަވާލައި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލުދިނުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ބިލަށް ފުރިހަމައަށް ތާއީދުކުރައްވާފައިވާއިރު، އެންމެންވެސް އިއްތިފާޤުވަނީ މިއީ ޤައުމުގައި މޫލާފައިވާ ކޮރަޕްޝަނާއި ޚިޔާނާތް ނައްތާލުމަށް ލިބޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށެވެ. އަދި މުހިންމު ކަމަކީ މި ޤާނޫނު ފުރިހަމައަށް ތަންފީޒުކުރެވި، ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވޭކަން ކަށަވަރުކުރުމެވެ. މި ބިލު ފާސްވެ ޤާނޫނަކަށް ވުމުން، ކުށްކޮށްގެން ދައުލަތާއި ރައްޔިތުންގެ މުދަލުން ނާޖާއިޒު މުއްސަނދިކަން ހޯދުމުގެ ހުރިހާ ދޮރުތަކެއް އެއްކޮށް ބަންދުވެގެންދާނެއެވެ.

މިއަދު އޮންލައިން