ރާއްޖޭގެ އިޤްތިސާދީ މައި ބަދަ ކަމަށްވާ މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ޅ. ފެލިވަރަކީ ހަމައެކަނި މަސް ބަންދުކުރާ ކާރުޚާނާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އެ ރަށުގައި ޒަމާނީ ދަނޑުވެރިކަމުގެ ބޮޑު އިންގިލާބެއް ގެންނަން ފަށައިފިއެވެ. މަސްވެރިކަމުގެ ސިނާއަތާ އެކުއެކީގައި ފެލިވަރުގައި މިހާރު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤްތިސާދު ސިންދަފާތު ކުރުމަށްޓަކައި ހައިޑްރޯޕޮނިކްސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަން ފަށާފައެވެ.
މީގެ އެގާރަ ވަރަކަށް އަހަރު ކުރިން، 2013 ވަނަ އަހަރު މަދު ބާވަތްތަކަކުން ފެށި މި މަސައްކަތް މިއަދު ވަނީ ވިޔަފާރި އުސޫލުން ކުރިއަރައި ގޮސްފައެވެ. މިގޮތުން ހައިޑްރޯޕޮނިކްސް ސިސްޓަމްތަކުގެ އެހީގައި ފެލިވަރުގެ އާބާދީއަށް ބޭނުންވާ ތަރުކާރީ އުފެއްދުމުގެ އިތުރުން، އެ އަތޮޅުގެ އެހެން ރަށްރަށަށާއި ވެރިރަށް މާލޭގައި ހުންނަ މިފްކޯ މަސްފިހާރައަށްވެސް މިހާރު ދަނީ މި ތަކެތި ސަޕްލައި ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ފެލިވަރު އެންޓަޕްރައިޒް ޑިޕާޓްމަންޓުގެ އިސްވެރިޔާ ތޯހާ އަބްދުﷲ ވިދާޅުވީ، ކުރިން މިރުހާއި ބަރަބޯ ފަދަ މަދު ތަކެތި ހައްދަމުން ދިޔަ ނަމަވެސް، ޒަމާނީ ސިސްޓަމްތަކާއެކު މިހާރު ކިއުކަމްބާ، ލެޓިއުސް އަދި ޗައިނީސް ކެބެޖް ފަދަ ބާވަތްތައް ރަށުގެ ޑިމާންޑަށްވުރެ އިތުރަށް އުފައްދަމުންދާ ކަމަށެވެ. އަދި މީގެއިތުރުން ބިންގަނޑުގައި ހައްދާ ފަޅޮލާއި، ބައްޓާއި، މުރަނގަފަތް އަދި މޫސުމީ ކަރާގެ އިތުރުން، ގްރީން ހައުސްތަކުގައި މިރުސް ހެއްދުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އަހަރެއްގެ މައްޗަށް އެތައް ޓަނެއްގެ ތަރުކާރީ ރަށުން ބޭރުކުރެވޭ ކަމަށާއި، މިއީ އެ ރަށުގައި މަސައްކަތްކުރާ އެކި އަތޮޅުތަކުގެ މުވައްޒަފުންގެ މެދުގައިވެސް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ އުފެއްދުންތަކެއް ކަމަށް ތޯހާ ވިދާޅުވިއެވެ.
"ގްރީން ހައުސްގައި މިރުސް ހެއްދުމަށް މިހާރު މިދަނީ ތައްޔާރުވަމުން. ފެލިވަރުން އުފައްދާ ތަކެއްޗަށް ބަލާއިރު އެއް އަހަރު ތެރޭގައި ޓަނުން ހުންނާނީ ބޭރުކޮށްފައި. ހާއްސަކޮށް ފެލިވަރަށާއި މި ސަރަހައްދަށް ވިއްކާ ހުސްކޮށްލެވޭ. ފެލިވަރަކީ އެތައް އަތޮޅެއްގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ތަނަކަށް ވުމާއެކު ބޮޑު ތަރުހީބެއް ލިބޭ. އަދި މާލެއަށްވެސް މި ތަކެތި ފޮނުވޭ،" ތޯހާ ވިދާޅުވިއެވެ.
ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން އެކަށީގެންވާ ނަފާއެއް ހޯދައިދީ، ދަނޑުވެރިން އުފައްދާ ބާވަތްތަކަށް ހައްގު އަގު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މި ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއާއި މިފްކޯ ގުޅިގެން ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްތަކުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާނެ ގޮތްތަކާއި، ގޭބިސީތަކުގެ ކުދި ޖާގަތަކުގައި ދަނޑުވެރިކަން ކުރާނެ އުކުޅުތަކުގެ އިތުރުން، ހައިޑްރޯޕޮނިކްސް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނަފާ ހޯދޭނެ ގޮތްތަކާ ބެހޭ ފަންނީ ތަމްރީނުތައް މިނިސްޓްރީގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެއެވެ.
ފެލިވަރުގެ މި ކާމިޔާބީއަކީ އެއް ސިނާއަތެއްގެ ތެރެއިން އެހެން ދާއިރާތަކަށް ފުރުޞަތު ފަހިކޮށްދީ، ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.