އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއަރޕޯޓު: އެމްޓީސީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއަރޕޯޓު: އެމްޓީސީސީ

އެމްޓީސީސީން މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން، ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިންމާލެވޭނީ ފ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

ސައުދީ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީ ސަޢުދީ ވިދާޅުވީ، ކުންފުނިން މިހާރު ކުރިއަށްގެންދާ އެއަރޕޯޓުތަކުގެ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ނިމޭނެ ކަމަށް ބެލެވެނީ މަގޫދޫ އެއަރޕޯޓެވެ. އަދި އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ހދ. މަކުނޫދޫ އެއަރޕޯޓުގެ މަސައްކަތް އެކުންފުނިން އަދި ކިރިޔާ ފެށުނީ ކަމަށާއި، ރ. އަލިފުށީ އެއަރޕޯޓުގެ ރަންވޭ ބޮޑުކުރަން ޖެހޭތީ އެތަނަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އައު ޑްރެޖަރާއެކު ފެށިގެންދާނެ ކަމަށެވެ.

"ފ. މަގޫދޫއާއި، ފ. ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް އަންނަނީ ކުރަމުން. އަދި ތ. ގުރައިދޫ އެއަރޕޯޓުގެ އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ވަނީ ނިމިފައި. އެ މަސައްކަތް މިހާރު އެމްއޭސީއެލްއާއި ވަނީ ހަވާލުކޮށްފައި. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެެއަރޕޯޓުގެ މަސައްކަތް،" ސައުދީ ވިދާޅުވިއެވެ.

ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 2022ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2023ވަނަ އަހަރުގެ ކުރީކޮޅު ފެށުމަށްފަހު، އެކި ސަބަބުތަކާ ހުރެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިން މަޑުޖެހިގެން ދިޔަނަމަވެސް، މި ދައުރުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތަށް ގެންނާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން