ހުރަސްތައް ގިރާކޮށް ކުރިއަށް: "ވިޒިޓް މޯލްޑިވްސް އިޔާ" އާއެކު ފަތުރުވެރިކަމަށް އައު ދިރުމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 42ސ
ހުރަސްތައް ގިރާކޮށް ކުރިއަށް: "ވިޒިޓް މޯލްޑިވްސް އިޔާ" އާއެކު ފަތުރުވެރިކަމަށް އައު ދިރުމެއް!

ދިވެހިރާއްޖޭގެ އިޤްތިސާާދީ މައިބަދައަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ޤައުމުގެ ތަރައްޤީއާއި ދިވެހި ރައްޔިތުންގެ ފުދުންތެރިކަން މައިގަނޑު ގޮތެއްގައި ގުޅިލާމެހިފައިވަނީ މި މުހިންމު ދާއިރާއާއެވެ. މި ސިނާއަތް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ މަޤާމު އިތުރަށް އުސްމިންތަކަކަށް ގެންދިއުމަށްޓަކައި، މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ބޮޑު ކެމްޕޭނަކާއެކު "ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު" ނުވަތަ "ވިޒިޓް މޯލްޑިވްސް އިޔަރ" ފާހަގަކުރުމަށް ސަރުކާރުން މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ. މިއީ މުޅި އަހަރަށް ދެމިގެންދާ ގޮތަށް މިފަދަ ޚާއްސަ އަހަރެއް ރާއްޖޭގައި ފާހަގަކުރާ ދެވަނަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއް ބައިވެރިވާ ގޮތަށް 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ފާހަގަކުރުމަށް ކަނޑައަޅުއްވާފައިވާކަން އިއުލާންކުރައްވާފައެވެ. އަދި މި އަހަރަށް ސަރުކާރުން ކަނޑައެޅި 2.4 މިލިއަން ފަތުރުވެރިންގެ އަމާޒު 2.5 މިލިއަނަށް މަތިކުރައްވައި، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ވަނީ ރާވާފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 6 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ 1،637،890 ފަތުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،696،830 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް 1،637،890 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 310،559 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެއީ 234،040 ފަތުރުވެރިންނެވެ. އިނގިރޭސިވިލާތުން 121،680 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަންވިލާތުން ވެސް ވަނީ 102،692 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކާއި އަދަދުތައް:

• އިޓަލީ - 99،428 • އިންޑިއާ - 92،845 • އޮސްޓްރޭލިއާ - 38،351 • އެމެރިކާ - 38،164 • ފްރާންސް - 37،544 • ސްޕެއިން - 33،077

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ ފެބްރުއަރީ މަހުގައެވެ. އެ މަހު ރާއްޖެއަށް 254،556 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީގައި ޒިޔާރަތްކޮށްފައިވަނީ 216،309 ފަތުރުވެރިންނެވެ.

ރާއްޖޭގެ އަމާޒުތައް ކިތަންމެ އުހުގައި ވީނަމަވެސް، ދުނިޔޭގެ ސިޔާސީ އަދި ސަރަހައްދީ މަސްރަހަށް އަންނަ ލޮޅުންތަކުގެ އަސަރު ދިވެހި ފަތުރުވެރިކަމަށް އަބަދުވެސް ފޯރައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު މެދުއިރުމަތީގައި ފެށިގެންދިޔަ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެރިއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 20 އިންސައްތައަކީ މެދުއިރުމަތީގެ މަގުން އަންނަ ފަތުރުވެރިން ކަމަށްވުމާއެކު، ވައިގެ ސަރަހައްދުތައް ބަންދުވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެގެންދިޔަ ސަބަބެކެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ފާހަގަކުރެއްވި ގޮތުގައި، މި ހާލަތުގެ އެންމެ ނޭދެވޭ އަސަރެއް ކޮށްފައިވަނީ މާރިޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އައި މިންވަރު 24 އިންސައްތަ ދަށަށް ދިޔައެވެ. ނަމަވެސް ސަރުކާރާއި މި ސިނާއަތުގެ ބުރަ މަސައްކަތުން މި ހާލަތުން އަރައިގަނެވި، އެ ފަރަޤު މިހާރު ވަނީ 3.5 އިންސައްތައަށް ކުޑަކުރެވިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިއިރު، ދިމާވި ގޮންޖެހުންތަކާއެކުވެސް މިއަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކުރިއަށް އޮތް ފަތުރުވެރިކަމުގެ އަހަރުގެ ހަރަކާތްތައް އިފްތިތާހުކޮށްފައިވާއިރު، މި ކެމްޕޭނުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އައިލެންޑްސް އާ އަސް" އެވެ. ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވި ގޮތުގައި، މި ޝިއާރު ޚިޔާރުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިވެހިވަންތަކަމާއި ރާއްޖޭގެ ޤުދުރަތީ ވެއްޓާއި ދިވެހިންގެ ދިރިއުޅުމުގެ ގުޅުން ދުނިޔެއަށް ސިފަކޮށްދިނުމަށެވެ.

ޝިއުރީ ފާހަގަކުރެއްވި ގޮތުގައި މި ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު އަދި އެންމެ ފުޅާ ހަރަކާތެވެ. މިއީ ހަމައެކަނި ޕްރޮމޯޝަން އިދާރާއަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި ބޮޑު މަޝްރޫއު ކާމިޔާބު ކުރެވޭނީ ސަރުކާރުގެ މުއައްސަސާތަކާއި، ރިޒޯޓްތަކާއި ގެސްޓްހައުސްތައް ފަދަ ޚިދުމަތްދޭ ތަންތަނާއި، ދިވެހި އުފެއްދުންތެރިން އަދި މި ދާއިރާއާ ގުޅިފައިވާ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ކަހަލަ ލޮޅުންތަކުން އަރައިގަނެ، އަވަސް ދުވެއްޔެއްގައި ކުރިއަރައި ދިއުމުގެ ޤާބިލުކަން ލިބިފައިވާ ސިނާއަތެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އެޅުނު ހުރަސްތަކުން އަރައިގަނެ، ކަނޑައެޅިފައިވާ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތަކީ މިކަމުގެ ހެއްކެކެވެ. އަދި "އައިލެންޑްސް އަރ އަސް" ގެ ޝިޢާރުގެ ދަށުން، ކުރިއަށް އޮތް ފަތުރުވެރިކަމުގެ އަހަރަށް ތައްޔާރުވަމުންދާއިރު، މިއީ ދިވެހި ޤައުމުގެ އިޤްތިސާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އައު އުންމީދުތަކަކާއި އިތުރު ދިރުމެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

 

 

މިއަދު އޮންލައިން