ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ

ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން ކާމިޔާބުކަމާއެކު ދަސްވެނިވި 113 ދަރިވަރެއްގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަވާ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ޚާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް 2026 އޮކްޓޫބަރު 10 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ވަނީ ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހާސިލުކުރި ޢިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވާފައެވެ.

މި ދަސްވެނިވުމުގެ ތެރޭގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައެވެ. މިއީ ރާއްޖޭގައި ތަމްރީނުވެފައިވާ ޤުރްއާން މުދައްރިސުން އުފެއްދުމަށާއި އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.

އަދި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމާއި، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ކީރިތި ޤުރްއާނުގެ ތަޢުލީމު ހަރުދަނާކުރުމަށާއި، ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ކުރިޔަށް އަންނަން އޮތް ޖީލުތަކަށް ސައްހަ ޤުރްއާނީ ޢިލްމު ފޯރުކޮށްދެވޭނެ ގާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކާމިޔާބީއެކެވެ.

މި ކޯސް‌ތައް ކާމިޔާބުކަމާއެކު ނިންމާލުމަކީ އިސްލާމީ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ދީނީ އުނގަންނައިދިނުމުގެ ދާއިރާއިން ޢިލްމީ ގާބިލުކަން އިތުރުކުރުމަށާއި، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ލިބިގެންދިޔަ ބޮޑު ބާރެކެވެ.

މިއަދު އޮންލައިން