އަންހެން ކުދިންގެ ހައްޤުތައް ކަށަވަރުވެފައިވާ އިންސާފުވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ. މި މެސެޖުގައި ދިވެހި އަންހެން ދަރިންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވަމުން ވަޒީރު ވިދާޅުވީ، ދިރިއުޅުމުގެ އެކި މައިދާންތަކުގައި އަންހެން ކުދިންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
އެހެންނަމަވެސް، އެ ގޮންޖެހުންތަކާއެކުވެސް ތަޢުލީމީ ރޮނގުންނާއި، ޒަމާނީ ޓެކްނޮލޮޖީ، ކުޅިވަރު އަދި ވިޔަފާރީގެ ދާއިރާއިން ދިވެހި އަންހެން ކުދިން ހޯދަމުންދާ ކާމިޔާބީތަކަކީ ފަޚުރުވެރިވުން ހައްޤު ކާމިޔާބީތަކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކުދިންގެ ކިބައިގައިވާ ވަރުގަދަ އަޒުމާއި ހިތްވަރާއި ސާބިތުކަމުން މުޅި ޤައުމަށްވެސް ބޮޑު ހިތްވަރެއް ލިބިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޤީލާ ޢަލީގެ މެސެޖުގައި، ރާއްޖޭގެ ކޮންމެ އަންހެން ކުއްޖަކީވެސް ރައްކާތެރި، އަޅާލުމާއި ލޯބި ލިބިގެން ބާރުވެރި މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އެގޮތުން "ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެފަދަ ކަންކަމަށް އިޖާބަދިނުމުގެ ޤައުމީ އެކްޝަން ޕްލޭން" ފުރިހަމައަށް ތަންފީޒުކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތްކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެން ކުދިންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދީ، އެކުދިންގެ ޤަބިލުކަމާއި ހުނަރުވެރިކަން އެންމެ މަތީ ދަރަޖައަށް ފާޅުކުރެވޭނޭ ފަދަ އޯގާތެރި، އިންސާފުވެރި މާހައުލެއް ޤާއިމުކުރުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.