ރާއްޖޭގަ އެހެން ދީންތައް ކުރިއަރުވާކަށް މިސަރުކާރުން އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށާއި އެފަދަ ކަނަކަމަށް އަޅަންޖެހޭ ފިޔަޅުތައް ވަޤުތުން އަޅަމުން ގެންދާނެކަމަށް ދާޚިލީ ވަޒީރު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްޞާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ހުޅުމާލޭގެ ފިހާރައެއްގައި ހިންދޫ ކަލާނގެއެއް ރަމްޒަވާ އެއްޗެތިތަކެއް ވިއްކަން ހުއްޓާ ފެނުނު މައްސަލައެއްގައި މިއަދުނޫހުން ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. ވަޒީރު ވިދާޅުވީ މައްސަލަ ބަލަމުން ގެންދާ ކަމަށާއި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވާނެ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގަ ހުޅުމާލޭގައި ޕްލައިވުޑެއްގަ ހިންދޫންގެ ކަލާނގެއެއްގެ ނަން ޖަހައިގެން ކިއްލާއެއް ހިނަގާކަން ފުލުހުންގެ ސަމާލުކަމަށް ގެނައިތާ 3 މަސްވީއިރުވެސް އެއްވެސް ފިޔަވަޅެއް ސަރުކާރުން ނޭޅީމާ އެބޯޑު ނައްޓުވަންޖެހުނީ އިސްލާމް ދީނަށް ލޯބިކުރާ ޒުވާނުންނަށެވެ. ފައުޅުގައި އެވަރުގެ ބޮޑު ކަމެއް ޤާނޫނުތަކާއި ޚިލާފަށް ކުރުމުން އެއްވެސް އަދަބެއް ދީފައެއް ދީފައެއް ނުވެއެވެ.
އެޅިފިޔަވަޅަކާއިބެހޭގޮތުން މިއަދުނޫހުން ތަކުރާރުކޮށް ކުރަމުން ގެންދިއަ ސުވާލަށް ޖަވާބެއް ލިބުނީ 2 އަހަރުފަހުންނެވެ. އެއީވެސް ލޯބީގެ ތަރާނާއެކެވެ. އެއްވެސް އަދަބެއް ނުދެއެވެ.
މިސަރުކާރުގެ ވެރިކަމުގަ ހިންދޫންގެ ކަލާނގެއެއް ރަމްޒުވާ އެއްޗެއް ފިހާރައެއްގައި ބަހައްޓައިގެން ވިއްކާކަން އެނގުމުން ފުލުހުން ވަނީ ވަޤުތުން އެތަކެތި ނަގައިފައެވެ. އެއެއްޗެތި އެތެރެކުރެވުނު ގޮތަކާއި އެކަމާއިބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ. މައްސަލަ ބަލަން ކަސްޓަމްސްއަށްވެސް ރިޕޯޓްކޮށްފައެވެ.
ހިންދޫ ދީން ރާއްޖޭގައި ފަތުރަން ވަރަށް މޮޅަށް ރާވައިގެން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވޭނީ އެކަމަށް ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުންދީގެންނެވެ. އެނގޭކަންކަން ފުލުހުންނަށް ރިޕޯޓްކޮށްގެންނެވެ. މިސަރުކާރުގެ ފުލުހުން ތިބީ ޤާނޫނާއި ޚިލާފަށް ހިންގާ ކަންކަން ހުއްޓުވަން ފިސާރިކެރިގެންކަން ގެންދަނީ ޢަމަލުތަކުން ދައްކަމުންނެވެ.