ޤައިދީންނަށް ގެއްލިފައިވާ އުންމީދުތައް އާލާކޮށްދޭނެ ބަޔަކީ އޮފިސަރުން: ސީޕީ ޒަރީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޤައިދީންނަށް ގެއްލިފައިވާ އުންމީދުތައް އާލާކޮށްދޭނެ ބަޔަކީ އޮފިސަރުން: ސީޕީ ޒަރީރު

ޤައިދީންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރިކޮށްދީ އަދި އުއްމީދުތައް އާލާކޮށްދޭނެ ބަޔަކީ އޮފިސަރުން ކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސީޕީ ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ 8ވަނަ ދުވަހުގެ ރޭ މާފުށީ ޖަލުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ޤައިދުކުރެވިފައިވާ ފަރާތްތަކަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް ކަމަށާއި، އެ ފަރާތްތަކުގެ އިންސާނީ ކަރާމާތް ގެއްލުވާނުލައި، އަސާސީ ޚިދުމަތްތައް ފޯރިކޮށްދީ، ހިތްވަރުދީ، އުއްމީދުތައް އާލާކޮށްދޭނެ ބަޔަކީ އޮފިސަރުން ކަމަށެވެ.

އަދި ޤައިދީންނަށް ޚިދުމަތްކުރުމުގައި އާއި ޤައުމީ ވާޖިބު އަދާކުރުމުގައި، ޤައުމު ދިފާއުކުރުމުގައި ޝަހީދުވެފައިވާ ޤައުމު ބަޠަލުންގެ އަގުހުރި ޤުރުބާނީގެ އަގުވަޒަންކޮށް އަދި ހަނދުމަކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ކޮމިޝަނަރ އިލްތިމާސްކުރެއްވީ އެފަދައިން ތެދުވެރިކަމާއި އިޙްލާސްތެރި އަދި ހިތްވަރާއެކު ކުރި ހުވާގެ މަތީގައި ދެމިތިބެގެން ޤައުމީ ވާޖިބު އަދާކުރުމަށެވެ.

ކަރެކްޝަންސްގެ ވަޒީފާއަކީ ރަނގަޅު މުސާރައަކާއި މުސްތަޤުބަލެއް އޮތް ވަޒީފާއެއް. މައިންބަފައިންނަށް ލޯތްބާއި އޯގާތެރިކަން އިސްކޮށް އަދި ދީން ދެމެހެއްޓުމުގެ އިތުރުން ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ޤައުމީ ވާޖިބު އަދާކުރުމުގަ އޮފިސަރުން ދެމިތިބޭނެ ކަމަށް އުންމީދުކުރަން. ސީޕީ ޒަރީރު

ދަސްވެނިވި އޮފިސަރުންނާ މުޙާތަބްކުރައްވާ ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ އޮފިސަރުންގެ ޔުނީފޯރމަކީ ޤައުމީ ވާޖިބާއި ޖިހާދުގެ މަތިވެރި އަހުދު ކަމަށާއި، ބެޖުގައިވާ ދިދައަކީ ދިވެހި ރައްޔިތުން އޮފިސަރުންނަށް ކުރައްވާފައިވާ އިތުބާރު ކަމަށެވެ.

ކުރާ ހުވައަކީ ކިޔާލާ ލަފުޒުތަކެއް ނޫންކަން ފާހަގަކުރައްވާ ސީޕީ ޒަރީރު ވަނީ އެއީ ޤައުމަށާއި ރައްޔިތުންގެ ހިމާޔަތަށް، ޚިދުމަތަށް، ޤާނޫނު ނެގެހެއްޓުމަށާއި ދެމެހެއްޓުމަށް ވެވުނު ވަޢުދެއް ކަމަށްވެސް ވިދާޅުވެފައެވެ.

ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކަރެކްޝަންސް ރީޝޭޕްކުރުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރައްވަމުން އިސްވެރިންނާއި މުދައްރިބުންނަށް ސީޕީ ވަނީ ޝުކުރުއަދާކުރައްވާފއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން