ގއ. ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އައު ކޮންޓްރެކްޓަރަކާއެކު މިއަހަރުގެ ނޮވެންބަރު މަހުގެ ކުރިން ފެށިގެންދާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި، ވިލިނގިލީ އެއާޕޯޓުގެ މަޝްރޫޢާ ގުޅޭގޮތުން އާންމުފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ކުރިން ހަމަޖެހިފައިއޮތް ކޮންޓްރެކްޓަރު ބަދަލުކޮށް، އަލުން މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުޙަލާ މިހާރު ކުރިއަށްދާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދަ ކުރެއްވިއްޔާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ،" މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު އަމީން ވިދާޅުވިއެވެ.
ގއ. ވިލިނގިލީގެ ބިން ހިއްކުމާއެކު އެރަށުގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު މިކަން އިޢުލާނުކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ވިލިނގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ވަޢުދުގެ ދަށުން، ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް މުޢިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފަހުމުނާމާ (އެމްއޯޔޫ) އާއި ހަމައަށް ވާސިލްވި ނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް އަމަލީ ގޮތުން ކުރިއަށް ގޮސްފައެއް ނުވެއެވެ.
ނަމަވެސް، ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ އައު ކޮންޓްރެކްޓަރާއެކު ސޮއިކޮށް، އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެއާޕޯޓުގެ ޢަމަލީ މަސައްކަތް އަމަލީ ގޮތުން ފެށުމަށެވެ.