ދިރިއުޅުމާ ކައިވެނީގެ މައްސަލަތަކަށް ކައިވެނިނުކޮށް ޢުމުރުދުއްވައިލާ، ކުރާ ކައިވެނީގަ ދިރިނުއުޅެވޭ، ލިބޭ ދަރިން ތަރުބިއްޔަތުނުކުރެވޭ މާހިރުންގެ ލަފާހޯދީމާ ޖެހޭނީ އެޙާލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދިރިއުޅުމާ ކައިވެނީގެ މައްސަލަތަކަށް ކައިވެނިނުކޮށް ޢުމުރުދުއްވައިލާ، ކުރާ ކައިވެނީގަ ދިރިނުއުޅެވޭ، ލިބޭ ދަރިން ތަރުބިއްޔަތުނުކުރެވޭ މާހިރުންގެ ލަފާހޯދީމާ ޖެހޭނީ އެޙާލު!

ދިރިއުޅުމުގެ ކަންކަމަށް ލަފާ ހޯދަން މަޝްވަރާކުރަންވާނީ އެކަމަށް ކުފޫހަވާ މީހުންނާއިއެވެ. މިޘާލަކަށް އޭނާއަކީ ދިރިއުޅުމުގެ މައްސަލަތަކަށް ލަފާދޭ ސައިކޮލޮޖިސްޓެކެވެ. ގެދޮރު ހުރި ފައސާވެރިއެކެވެ. ޢުމުރަކީ 42 އަހަރެވެ. ކައިވެންޏެއް ނުކުރެއެވެ. ދަރިއަކު ނުލިބެއެވެ. ޢާއިލާއެއް ބެލެހެއްޓުމުގެ އެއްވެސް މަސްއޫލިއްޔަތެއް އަދައެއް ނުކުރެއެވެ.  

ނިކަން ބުނެބަލާށެވެ! އޭނާ ބުނާ ގޮތަށް ކަންތައް ކުރަންވެއްޖެނަމަ ފުރަތަމަ ކަމަކަށް އޭނާއަށްވުރެ ގިނަ ދުވަހު ކައިވެނިނުކޮށް ހުންނަން ޖެހިދާނެއެވެ. ދެވަނަ ކަމަކަށް ލަފާދިނުމަކީ ހަމައެކަނި ފޮތްބަލައިގެން ކުރާ ކަމެއް ނޫނެވެ. އެކަމުގެ ތަޖުރިބާވެސް ހުންނަން އެބަޖެހެއެވެ. ކައިވެނިނުކުރާ، ފިރިއަކަށް ޚިދުމަތް ނުކުރާ، ދަރިއަކު ނުބަލާ މީހެއްގެ ކިބައިގައި ހުންނާނީ ކޮން ތަޖުރިބާއެއް ހެއްޔެވެ؟  

ހަމައެއާއެކު ސައިކޮލިޖިސްޓުންނާ އެހެންވެސް ބޮޑެތި ނަންތައް ކިޔައިގެން އުޅޭ ބައެއް  މީހުންނަށް އެމީހުންގެ މައްސަލަތައް ޙައްލެއް ނުކުރެވެއެވެ. ކައިވެނިކޮށްފިނަމަ ދާދިއަވަހަށް ވަރިވެއެވެ. ލިބޭ ދަރިން ތަރުބިއްޔަތެއް ނުކުރެވެއެވެ. އެކަމަކު އެހެން މީހުންނަށް ރަނގަޅު ފައިޑާހުރި ގޮތް ބުނެދެއެވެ.  

އެހެންވެ އެފަދަ މީހުން ބެލެވެނީ ސިޙުރުވެރިން ފަދަ ބައެއްގެ ގޮތުގައެވެ. އެހެން މީހުންނަށް ރީތި ތަނަވަސް އަނބިން ހޯދައިދޭން ސިޙުރު ހަދައެވެ. އެމީހުންނަކަށް އެފަދަ އަންތބެއް ނުލިބެއެވެ. އެހެން މީހުންގެ ޖީބަށް ތަނަވަސްކަން އިތުރުވާނެ ސިޙުރުތައް ހަދައިދެއެވެ. އެމީހުންނަށް ކައިބޮއިހެދެނީ މީހަކަށް ޞިޙުރެއް ހަދައިދެވުނިއްޔާއެވެ.

ވީމާ ކޮންމެ ކަމަކާއި ގުޅިގެން ކައުންސިލިންގ ހޯދިނަމަވެސް ރަނގަޅު ޢާއިލީ ދިރިއުޅުމެއް އުޅޭ މީހެއްގެ ކިބައިން ހޯދާށެވެ! ކައިވެނިނުކުރާ، ކައިވެނި ރޫޅަމުން ހިނގާ މީހެއްގެ ކިބައިން މަޝްވަރާ ނުހޯދާށެވެ!

އަދިވެސް އެހެން މީހެއްގެ ވާހަކަވެސް ފާހަގަކޮށްލާނަމެވެ. ފޯރަމަތަކަށް އަރައި ޢާއިލީ ގުޅުން ބަދަހިކުރާނެ ގޮތާއި ދަރިން ތަރުބިއްޔަތުކުރާނެ ގޮތް ކިޔައިދެއެވެ. ޢުމުރަކީ 75 އަހަރެވެ. 3 ކައިވެނިކޮށް ރޫޅުނީއެވެ. އޭނާއާއި ވަކިވި ފިރިން 2 ވަނަ ކައިވެނީގައި އުފަލުގައި އެބަ އުޅެއެވެ. ދެން އޭނާއަށް ލިބިފައި 4 ދަރިންގެ ޙާލަތު އޭނާއަށްވެސް ޔަޤީންކުރެވޭ ކަމެއް ނުއެނގެއެވެ.  

ދެން ނިކަން ބުނެބަލާށެވެ. މިބާވަތުގެ މީހަކު ބުނާ ގޮތަށް ކަންކަންކުރާނަމަ ޖެހޭނީ އޭނާއަށް ޖެހިފައި ހުރި ޙާލު ނޫންހެއްޔެވެ؟  

ވީމާ ކައުންސިލިންގ ހޯދާނަމަ ހޯދަންވާނީ އަމިއްލަ ދިރިއުޅުމުން ނަމޫނާ ދެއްކޭނެ މީހުންގެ ކިބައިންނެވެ. ފުރަތަމަ ކަމަކީ އޭނާއަށް ބޭނުންވާ ކައުންސިލިންގ އޭނާގެ ނަފްސަށް ދޭން ނުއެނގުނު މީހަކަށް އެހެން މީހުންނަށް ދެވޭނީ ކޮން ކައުންސިލިންގ އެއްހެއްޔެވެ؟

 

- ޝަމްވީލާ / މިއަދު ނޫހަށް 

މިއަދު އޮންލައިން