ބައެއް މީހުން ބައިވެރިޔާގެ ހިތުގަ ޖައްސުވާފައި އެހެން މީހުން ކުށްވެރިކުރެއެވެ. އެއީ މިވެނި އެކުވެރިއަކާއިހުރެ ނުވަތަ ކޮންމެވެސް މީހަކާއިހުރެ ކުރެވުނު ކަމެއްކަމަށް ބުނެއެވެ. މިއީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ވާހަކައެއް ނޫނެވެ.
ތިމާގެ ބައިވެރިޔާގެ ޙަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ. އޭނާގެ ހުރި ތެދުވެރިކަމާއި ތިމާއަށް އަޅައިލާ މިންވަރާއި ލޯބިދޭ މިންވަރު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ތިމާ ކުށެއް ކުރުމުން އަނެކާ ދެރަވެ ހިތުގައި ޖެހޭނެ މިންވަރުވެސް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ. އެކަންކަން އެނގިހުރެ އަނެކާގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ކޮށްފައި އެހެން މީހެއްގެ ބޮލުގައި އެކަން އެޅުވޭނެ އެއްވެސް ގޮތެއް ނެތެވެ.
މީގެ އިތުރަށް ތިމާކުރާ ކުށެއްގެ ސަބަބުން ބައިވެރިޔާ ތިމާއާއި ވަކިވެއްޖެނަމަ ތިމާއަށް ލިބޭނެ އެންމެ ބޮޑު ދެރަވެސް އެނގޭނީ އެމީހަކަށެވެ. އެހެންކަމަށްވާއިރު ތިމާއަށް ލިބިދާނެ ދެރައަށްވެސް ނުވިސްނައި ކަންކަން ކުރުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކުރާނެ ކަމެއް ނޫނެވެ.
ދެން އޮތީ އެކުގައި އުޅެވޭ މީހުންގެ ސަބަބުން ކުށްކުރަން މަގުފަހިވުމެވެ. ކުށްކަމަށް މިބުނަނީ ބައިވެރިޔާ ރުޅިއަތުވެދާނެ، ނުވަތަ ދެރަވެދާނެ ކޮންމެ ކަމަކަށެވެ. އެފަދަ އެއްވެސް ކަމެއް ކުރަން ހިތްވަރުދޭ ނުވަތަ މަގުފަހިކުރުވާ ހަމައެކަކާއިއެކުވެސް ނުއުޅޭށެވެ. ކައިވެންޏަށްފަހު އެންމެ މުހިންމުވާންޖެހޭނީ ދެމަފިރިންގެ ދިރިއުޅުމެވެ. އެންމެ މުހިންމު މީހަކަށްވާންޖެހޭނީ ޙަޔާތުގެ ބައިވެރިޔާއެވެ. އެކަންކަން އެގޮތަށް ކުރާމީހެއްގެ ބޮލަށް އެރެވޭނެ މީހަކު ނުހުންނާނެއެވެ.
ވީމާ ކުށްކޮށް ބައިވެރިޔާގެ ހިތުގައި ޖައްސުވާފައި އެހެން މީހުން ކުށްވެރިކުރުމަކީ ކުރެވޭ އިތުރުކުށެކެވެ. އެކުށަކީ ޒިންމާއިން ރެކެން އުޅުމެވެ. ޒިންމާއިން ރެކިގަންނަން އުޅޭނަމަ އެކަމުންވެސް އަންގައިދެނީ އެއީ އިޞްލާޙްނުވާނެ މީހަކު ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން