ކުރެވޭ ކުށަށް ލިބެންޖެހޭ އަދަބަށް ހުރަސް އެޅުމަކީ އެމީހަކަށް ދެވޭ ބޮޑު ދެރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ކުރެވޭ ކުށަށް
ލިބެންޖެހޭ އަދަބަށް ހުރަސް އެޅުމަކީ އެމީހަކަށް ދެވޭ ބޮޑު ދެރައެއް!

 

ޢާއިލާގެ މީހަކު ކުށްކުރާނަމަ ފުލުހުންނަށް އެންގުމަކީ ގުޅުންކަނޑާލަންޖެހޭ ކަމެއްތޯ؟

"އަޅުގަނޑުގެ ތިބީ ދެދަރިންނެވެ. ހަގު ދަރިފުޅަށް ކުށެއް ކުރެވުމުން އިންޞާފުގެ ކުރިމައްޗަށް އޭނާ ގެންދިއައީ އަހުރެންނެވެ. އެއީ އެކަމަށް ހިތް ރުހިގެނެއް ނޫނެވެ. ހިތް ނުރުހުނަސް ކުރަންޖެހޭ ކަމަކަށްވާތީއެވެ. ކުރަންޖެހޭ ކަމަކަށްވަނީ ކުށްކުރުން ހުއްޓުވޭނީ އަދަބުދީގެންކަމަށްވާތީއެވެ. އަދަބަށް ފިލޭނަމަ ކުށްކުރަން އެއްވެސް ވަރަކަށް ބިރެއް ނުގަންނާނެއެވެ. ޖެހިލުމެއްވެސް ނުވާނެއެވެ."

މިއީ ޢިލްމްވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ދެން މިގެނެސްދެނީ އިތުރު ތަފްޞީލު ލިބިލައްވާނެ ލިޔުމެކެވެ. 

ތިމާއަށް ކުށެއް ކުރެވުނަސް ނުވަތަ ތިމާގެ ގާތް މީހަކަށް ކުށެއް ކުރެވުނަސް އެކަމަށް ލިބެންޖެހޭ އަދަބު ބަލައިގަންނަން ނުވަތަ އަދަބު ލިބެން ބޭނުންވާ މީހަކު ނެތެވެ. ބަލަނީ ރިޝަވަތުދީގެންވެސް އަދަބުން ސަލާމަތްވެވޭތޯއެވެ. އެހެންކަމުން ކަމުގެ ޙަޤީޤަތް އޮތްގޮތާއިމެދު ވިސްނާލަން އެބަޖެހެއެވެ. 

ކިތަންމެ ގާތް މީހަކު ނަމަވެސް ކުށެއްކޮށްފިނަމަ އެކަމުގެ އަދަބު ލިބުމަށް ހުރަސް އަޅައިގެން ނުވާނެއެވެ. އަދަބުލިބުމަކީ އެފަދަކަންތައް ތަކްރާރު ނުކުރުމަށް ދެވޭ ތަމްރީނެކެވެ. އެއާއި ޚިލާފަށް އަދަބު ލިބުނަނުދޭން އުޅޭނަމަ ނުސީދާކޮށް އެބުނެވެނީ ކުށް ތަކްރާރު ކުރާށޭއެވެ. ކުށް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.  

ހަމައެފަދައިން، މީހަކު ދެކެ ކިތަންމެ ރުޅިއެރިޔަސް ދޮގުބުހުތާނު އިލްޒާމުތައް އަޅުވައިގެން ނުވާނެއެވެ. އަބަދުވެސް މީހާ ހުންނަންވާނީ ހަމައިގައެވެ. ބުއްދި ތަޣައްޔަރުނުކޮށެވެ. އެންމެ ފައިދާހުރި ގޮތް ވިސްނޭނީ އެއިރުންނެވެ.  

"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ شعائر ތަކާއި، އަދި حرمة ތެރި މައްސަރާއި، އަދި ގެފުޅަށް ހަދިޔާކުރާ ތަކެއްޗާއި، ގިލަފަތި އެލުވާފައިވާ ތަކެއްޗާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން فضل ވަންތަކަމާއި، ރުއްސެވުންއެދި، حرمة ތެރިިވެގެންވާ ގެފުޅަށް قصد ކޮށްގެން އަންނަމީހުންގެ حرمة ނުކަނޑާށެވެ! (مراد އަކީ حج ގެ އަޅުކަން ކުރުމަށް ކަނޑައެޅިގެންވާ ތަންތަނާއި، ކުރެވޭ އަޅުކަމަށް حرمة ތެރިކޮށްހިތައި، އެކަމުގެ ތެރޭގައި ކުރުން މަނާކުރައްވާފައިވާ ކަންތައްތައް ހުއްދަ ނުކުރާށެވެ! އަދި حرمة ތެރި މައްސަރުތަކުގައި މަނާކުރައްވާފައިވާ ހަނގުރާމަ ކުރުންފަދަ ކަންތައްތައް ހުއްދަ ނުކުރާށެވެ! ހަމައެފަދައިން، ގެފުޅަށް ހަދިޔާކުރާ ގެރި، ބަކަރި، ޖަމަލާއި، އެ ހަދިޔާކުރާ ތަކެތި، ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ ތަކެއްޗާއި، އަދި އެނޫންވެސް ތަކެތި އަތުލައި، އެ ތަކެއްޗަށް ގެއްލުންދިނުން ހުއްދަ ނުކުރާށެވެ!\

އަދި ގެފުޅަށް ދިޔުން قصد ކޮށްގެންދާ މީހުންގެ މަގުގައި ހުރަސްއަޅައި ގެއްލުންދީހެދުން ހުއްދަ ނުކުރާށެވެ!) ތިޔަބައިމީހުން إحرام ކަނޑައިފި ހިނދެއްގައި، ތިޔަބައިމީހުން ޝިކާރަކުރާށެވެ! އަދި ތިޔަބައިމީހުން حرمة ތެރިވެގެންވާ މިސްކިތަށް (އެބަހީ: كعبةاللَّه ގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅިކަމަށްޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ!

އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ." (އަލްމާއިދާ: 2)

 

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

މިއަދު އޮންލައިން