މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ހުރި ބިމުގައި އަލަށް ތަރައްޤީކުރަމުން އަންނަ ޒަމާނީ މިސްކިތުގެ ކޮންކްރީޓް މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ބިނާކުރާ 1,300 މީހުންގެ ޖާގައިގެ މި މިސްކިތުގައި މިހާރު ކުރިއަށްދަނީ ބީމް ޝަޓަރިންގ މަސައްކަތްތަކާއި، ސްލެބް ޝަޓަރިންގ އަދި ބީމް ރީއެންފޯސްމަންޓް ތައްޔާރުކުރުމުގެ މަސައްކަތްތަކެވެ. އަދި މިސްކިތުގެ ބީމް އަދި ސްލެބް ކާސްޓިންގ މަސައްކަތްތައް މި މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ހަތަރު ފަންގިފިލާއަށް ތަރައްޤީކުރާ މި ދާއިމީ މިސްކިތަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު ބިނާކުރެވޭ ތަނެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯ ޚާއްޞަކޮށްފައިވަނީ މައި ނަމާދުކުރާ ބަޔާއި، ވުޟޫކުރާ ސަރަޙައްދު އަދި ފާޚާނާ ބަރިއަށެވެ. މެޒެނީން ބުރި އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާއިރު، އެއްވަނަ ބުރި ތަރައްޤީކުރަނީ ނަމާދުކުރާ ބައިގެ އިތުރުން އިޢުތިކާފް ކުރުމަށް ޚާއްޞަ ސަރަޙައްދަކާ އެކުގައެވެ.
މާފަންނު ބޮޑުގެ ހުރި ބިމުގައި އަލަށް ބިނާކުރާ މި ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.