މާފުށީ ޖަލުގެ ގޮޅިތައް ހަދަން ހަވާލުކުރީ ދައުލަތަށް ގެއްލުންވާގޮތަށް: އޮޑިޓް ރިޕޯޓު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
މާފުށީ ޖަލުގެ ގޮޅިތައް ހަދަން ހަވާލުކުރީ ދައުލަތަށް ގެއްލުންވާގޮތަށް: އޮޑިޓް ރިޕޯޓު

ނިމިދިޔަ ސަރުކާރުގައި މާފުށީ ޖަލުގެ ގޮޅިތަކެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް އަދި ދައުލަތަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވާގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ދާޚިލީ ވުޒާރާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ދާޚިލީ ވުޒާރާގެ 2022 އަދި 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލަ ފާހަގަވެފައިވަނީ އެ އަހަރުތަކުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ ފާސްކުރި އިމްތިޔާޒުތަކުގެ ތެރެއިންތޯ ބެލުމަށް ހިންގި އޮޑިޓުގެ ތެރެއިންނެވެ. މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި، އިތުރު 18 ގޮޅީގެ އިތުރުން ސެކިޔުރިޓީ ޕޯސްޓެއް އިމާރާތްކުރުމުގެ މަޝްރޫއެވެ. ޖުމްލަ 47.1 މިލިއަން ރުފިޔާ އަށް މި މަސައްކަތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ މުޅިން ޚިލާފަށް ކަމަށް ރިޕޯޓުގައިވެއެވެ.

އެ މަސައްކަތް ޕޮލްކޯއާ "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން ހަވާލުކުރި މައިގަނޑު ސަބަބަކީ، 2023 ވަނަ އަހަރު ދަރުމަވަންތަ ސްކޫލް ހުޅުވުމުގެ ކުރިން މާލެ ޖަލުގައި ތިބި ގައިދީންނާއި ބަންދުމީހުން މާފުއްޓާއި އައްސޭރި ޖަލަށް އަވަހަށް ބަދަލުކުރުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. ނަމަވެސް، ސްކޫލް ހުޅުވިއިރުވެސް މަސައްކަތް ނުނިމި އޮތުމުން، ވަކި ބަޔަކަށް އުސޫލުން ބޭރުން މަސައްކަތް ހަވާލުކުރި މައިގަނޑު މަގުސަދު ހާސިލްވެފައިނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. 50 ގޮޅީގެ ވިންގުގެ މަސައްކަތް ލަސްވި ސަބަބުތަކުގެ ތެރޭގައި ކޮންޓްރެކްޓަރު ހުށަހެޅި ބިލުތަކަށް ފައިސާ ދެއްކުން ލަސްވުމާއި، ވުޒާރާގެ ފަރާތުން ބިން ހަވާލުކުރުމުގައި ދިމާވި ލަސްތައް ހިމެނެއެވެ.

މީގެ އިތުރުން، ދާޚިލީ ވުޒާރާއިން ޕޮލްކޯއާ މި މަސައްކަތް ހަވާލުކުރުމުން، އެ ކުންފުނިން ވަނީ 1.2 މިލިއަން ރުފިޔާ އަގު ކުޑަކޮށް އެހެން ސަބްކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކޮށްފައެވެ. މީގެ ސަބަބުން ދައުލަތަށް އެ މަސައްކަތް ސީދާ އަގުހެޔޮކޮށް ކުރުމަށް އޮތް ފުރުސަތު ގެއްލިގެން ގޮސްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި މަޝްރޫއުގެ ކުރެހުމާއި ބީއޯކިއު (BOQ) އާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަންވެސް އޮޑިޓުން ވަނީ ހާމަކޮށްފައެވެ. އެގޮތުން 50 ގޮޅީގެ އިމާރާތް އަޅާ ސަރަހައްދުގައި ހުރި އިމާރާތެއް ތަޅާލުމުގެ ޚަރަދުގެ ގޮތުގައި ބީއޯކިޔުގައި 2.9 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް، މަސައްކަތް ހަވާލުކުރި އިރު އެ ބިމުގައި ތަޅާލަންޖެހޭ ފަދަ އެއްވެސް އިމާރާތެއް ނެތްކަން އޮޑިޓް ރިޕޯޓުގައި ސަރީހަކޮށް ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން