އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސްއިން ލިބުނު އާމްދަނީ %7.3 އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސްއިން ލިބުނު އާމްދަނީ %7.3 އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %7.3 އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް މި ދެ ބާވަތުގެ ފީއާއި ޓެކްސްގެ ގޮތުގައި ޖުމްލަ 3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 8 މަސްދުވަހު މި ދެ ބައިން ދައުލަތަށް ލިބިފައިވަނީ 2.8 ބިލިޔަން ރުފިޔާއެވެ.

ޑިޕާޗަރ ޓެކްސް: މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %6.9 އިންސައްތައިގެ ކުރިއެރުމެކެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: އޭޑީއެފްގެ ގޮތުގައިވެސް މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު 1.5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.4 ބިލިޔަން ރުފިޔާއަށްވުރެ %6.8 އިތުރު އަދަދެކެވެ.

ރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުންދާ ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ.

މިއަދު އޮންލައިން