ހެލިކޮޕްޓަރު އޮޕަރޭޝަނަށް ބޭނުންވަނީ ހަމައެކަނި އޮޕަރޭޓަރުންނެއް ނޫން، ސަލާމަތީ މިންގަނޑުވެސް މުހިންމު: އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ހެލިކޮޕްޓަރު އޮޕަރޭޝަނަށް ބޭނުންވަނީ ހަމައެކަނި އޮޕަރޭޓަރުންނެއް ނޫން، ސަލާމަތީ މިންގަނޑުވެސް މުހިންމު: އަމީން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފަށާއިރު ބޭނުންވަނީ ހަމައެކަނި އޮޕަރޭޓަރުން ނޫން ކަމަށާއި، އެންމެ މުހިންމީ ސަލާމަތީ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓުން ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިހެން ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ބޭއްވި "އަހާ" ފޯރަމުގައި އާންމުންގެ ފަރާތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަމީން ވިދާޅުވީ، މީގެ 25 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދެމުން ދަނިކޮށް ދިމާވި ހިތާމަވެރި ހާދިސާތަކަށްފަހު، މި ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާއިރު ގިނަ ކަންތައްތަކަކަށް ބަލަންޖެހޭ ކަމަށެވެ. އެގޮތުން، މި ޚިދުމަތް އަލުން ފަށަން ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ސިވިލް އެވިއޭޝަން އޮތޯރިޓީ އިން ހަދާފައިވާ އެސެސްމެންޓުގައި ދީފައިވާ ލަފާތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ހެލިކޮޕްޓަރ މީގެ 20، 25 ވަރަށް އަހަރު ކުރީގައި ދިމާވި ބައެއް ހާދިސާތަކާއި ގުޅިގެން، މިހާ ދިގު މުއްދަތުގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންސް މެދުކެނޑިފައި އޮތީމަ، ހަމައެކަނި ހެލިކޮޕްޓަރު އޮޕަރޭޓަރުންނެއް ނޫން ބޭނުންވަނީ. މިކަމުގައި ސަލާމަތީ މިންގަނޑުވެސް ބޭނުންވޭ. އަޅުގަނޑުމެން އިރާދަކުރެއްވީއްޔާ މިހާރު ޚިދުމަތް ފަށަން ނިންމާފައި އޮތީ ޔޫކޭ ސީއޭގެ އެސެސްމެންޓުތަކުގައި ދެއްވާފައި ހުރި ގައިޑްލައިނާއި އެކުގައި،" ވަޒީރު އަމީން ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ވިޔަފާރި އުސޫލުން ދިނުމުގެ އިތުރުން، ބަލިމީހުން އުފުލުމަށް ނުވަތަ މެޑިކަލް އިވެކުއޭޝަންތަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށެވެ. އަދި ޚިދުމަތް ފަށައިގަންނައިރު މެޑިކަލް އިވެކުއޭޝަންތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ދެ ފަހަރެއްގެ މަތިން ހުޅުވާލާފައިވާއިރު، އެންމެ ފަހުން ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހަމަވެފައިވަނީ މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން