ހުޅުމާލޭގައި ތަރައްޤީކުރާ ނޭޝަނަލް ޑިސްއެބިލިޓީ އެންޑް ތެރަޕީ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހުޅުމާލޭގައި ތަރައްޤީކުރާ ނޭޝަނަލް ޑިސްއެބިލިޓީ އެންޑް ތެރަޕީ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ދެމުންދާ ތެރަޕީގެ ޚިދުމަތްތައް ހަރުދަނާކުރެއްވުމުގެ ގޮތުން މިފަދަ ޚާއްސަ ސެންޓަރެއް ހުޅުމާލޭގައި ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ.

ވަޒީރު ޤީލާ ޢަލީ ވިދާޅުވި ގޮތުގައި، މިހާރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ދެމުންދަނީ އާންމުކޮށް ގިނަ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓަލްތަކުންނެވެ. ނަމަވެސް، ސަރުކާރުގެ އަމާޒަކީ އެ ހުރިހާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރު ޤާއިމްކުރުމެވެ. މި ސެންޓަރުން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށާއި، މަސައްކަތް ފަށާތާ 2 އަހަރުގެ ތެރޭގައި ސެންޓަރުގެ އިމާރާތާއި ޚިދުމަތްތައް ނިންމާލެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހޮސްޕިޓަލްތަކުން ޑޮކްތަރަށް ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކާޑު ދެއްކުމުން އެމީހުންނަށް އަވަހަށް ޚިދުމަތް ލިބޭނެ ނިޒާމެއް މިހާރުވެސް ޤާއިމުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އެ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ތަނެއްގައި މާ ގިނަ ވަގުތު ހޭދަކުރަން ދަތިވާނެ ކުދިން. އަޅުގަނޑުމެންގެ ޚިދުމަތުގެ ތެރެއިން އަވަށް ޚިދުމަތެއް ފޯރުކޮށްދެވޭނެ ނިޒާމެއް މިޙާރުވެސް ވަނީ ޤާއިމްކޮށްފައި،" ވަޒީރު ޤީލާ ވިދާޅުވިއެވެ.

މިއަދު އޮންލައިން