ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ޓެކްނޮލޮޖީ ދާއިރާއަށް ޚާއްޞަ 25 ފުރުޞަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ، ޓެކްނޮޖީގެ ދާއިރާއަށް ޝައުޤުވެރިކަން ހުރި ދިވެހި ޒުވާނުންނަށް ބޭންކުގެ ފަރާތުން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްސަދުގައެވެ.
މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް ބޭންކުގެ ޓެކްނޮލޮޖީއާއި އެނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ފުރުސަތެކެވެ. މި ޕްރޮގްރާމުގެ ދަށުން ބޭންކުގައި 1 އަހަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ފުރުޞަތުގައި ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު -/11,000 ރުފިޔާގެ އެލަވަންސަކާއި، ރޯދަ އިނާޔަތުގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެއެވެ.
ބީއެމްއެލްއިން މަޢުލޫމާތުދޭ ގޮތުގައި މި ފުރުޞަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ދިވެހީންނަށެވެ. މީގެއިތުރުން މިދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށްވެސް މި ފުރުސަތުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮގްރާމުގައި ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގުފަހިވެގެންދާނެއެވެ. 2018ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ވަނީ ތަމްރީނު ފުރިހަމަ ކޮށްފައެވެ. އޭގެ ތެރެއިން %60 ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ވަނީ ލިބިފައެވެ.