ދަރިންގެ ހިތްތައް ﷲ ތަޢާލާގެ ފަރާތަށް ލެންބުވުމަކީ މައިންބަފައިންގެ އެންމެ ބޮޑު ޒިންމާ! މިކަންކަން ކުރީމާ ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރިންގެ ހިތްތައް ﷲ ތަޢާލާގެ ފަރާތަށް
ލެންބުވުމަކީ މައިންބަފައިންގެ އެންމެ ބޮޑު ޒިންމާ! މިކަންކަން ކުރީމާ
ފައިދާކުރާނެ! އިން ޝާ ﷲ

ދަރިންގެ ފުރަތަމަ މުދައްރިސުންނަކީ މަންމަ އާއި

ބައްޕައެވެ. އެޒިންމާއަކީ ރެކެވެން އޮތް ޒިންމާއެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މަންމައާއި ބައްޕަވެސް އެކަމަށް ޖަވާބުދާރީވާން ޖެހޭނެއެވެ.

އެހެންކަމުން ދަރިންގެ ހިތުގައި ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ލޯބި ޖައްސުވަން އެދޭ މައިން ބަފައިން، އެކަން ސްކޫލުން، ކޮލެޖުން ނޫނީ ޔުނިވަރސިޓީން ނޫނީ އެނޫންވެސް ފަރާތަކުން ކޮށްދޭނެ ކަމަށް އިތުބާރުކޮށްގެން އަޅާނުލައި އަތްއުރާލައިގެން ނުތިބޭށެވެ!

ދަރިން އެންމެ ތުއްތު އިރު ކިޔައިދޭ ވާހަކަތަކަކީވެސް އެކުދިންގެ ހިތްތަކުގައި ﷲ ތަޢާލާއަށާއި އިސްލާމް ދީނަށް ލޯބިއިތުރުވާނެ ވާހަކަތަކަށް ހަދާށެވެ! އަދި އެންމެ ތުއްތު އިރުންސުރެ ދަރިންނާއި މުޢާމަލާތްކުރާއިރު ގިނަގިނައިން ﷲ ގެ ނަންފުޅު ބޭނުންކުރާށެވެ! އެންމެހައި ނިޢްމަތްތައް ދެއްވަވަނީ ހަމައެކަނި ﷲ ތަޢާލާކަން ވިސްނައިދޭން މަސައްކަތްކުރާށެވެ! އަދި ޝުކުރުވެރިވެ ﷲ ތަޢާލާއަށް އަޅުކަން ކުރަންޖެހޭ ސަބަބުތައްވެސް ބުނެދެމުން ގެންދާށެވެ!  

މިސާލަކަށް ކާން ފެށުމުގެ ކުރިން ބިސްމިﷲ ކިޔަނީ ރިޒްޤް ދެއްވެވީވެސް އަދި ކާތަކެތީގައި ބަރަކާތް ލައްވަވަނީވެސް ﷲ ތަޢާލާކަމަށްވުމުންކަން ދަރިންނަށް ވިސްނައިދޭށެވެ! ކައިނިމިގެން ދެއްވެވި ރިޒްޤަށް ޝުކުރުވެރިވެ ދުޢާކުރުމަކީ ބޮޑެތި މީހުންވެސް މިހާރަކަށް އައިސް ކުރަން ހަނދާންނެތިފައި އޮންނަ ކަމެކެވެ. އެހެން އެކަން ދޫކޮށްނުލާށެވެ!  

ﷲ ގެ ވާހަކަ ދައްކަން ފަށަންވީ ވަކި ޢުމުރެއްގައެއް ނޫނެވެ. ހުރިހާ ޢުމުރެއްގައިވެސް ޢުމުރާއި ގުޅޭގޮތުން އެވާހަކަ ދައްކާށެވެ! ވަކި އުމުރަކަށް ބޮޑުވުމުން އެވާހަކަ ދައްކަން މަޑުކޮށްފިނަމަ ފުރުޞަތު ގެއްލިގެން ހިނގައިދާނެ ކަމަށް ބިރުވެތިވާށެވެ! އެކަން އެގޮތަށް ދަނީ މެދުވެރިވަމުންނެވެ.  

ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެއްސުވުމަކީ މައިންބަފައިންގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ! އެހެން ހުރިހާ މަސްއޫލިއްޔަތުތަކެއްވެސް ގެންނަންވާނީ އެކަމުގެ ފަހަތުންނެވެ! ޤިޔާމަތް ދުވަހު ޒިންމާއިން ސަލާމަތްވެވޭނީ އެއިރުންނެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން