ފާފަކުރެވޭތީ ނަމާދުނުކޮށް ނުހުންނާށެވެ! ނަމާދަކީ ކުރެވޭ ފާފަތަކުން ތިބާ ދުރުހެލިކުރުވާނެ އެންމެބޮޑު ބާރެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފާފަކުރެވޭތީ ނަމާދުނުކޮށް ނުހުންނާށެވެ! ނަމާދަކީ
ކުރެވޭ ފާފަތަކުން ތިބާ ދުރުހެލިކުރުވާނެ އެންމެބޮޑު ބާރެވެ!


ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފާފަކުރެވޭނަމަ ނަމާދުކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް މިއީއަކީ އެގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. މީޘާލަކަށް ބުނާނަމަ ބައެއް ފާފަތައް ކުރީމާ 40 ދުވަސް ވަންދެން އެމީހާ ކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ޙަދީޘްފުޅުތަކުގައި އޮންނައިރުވެސް އޭނާއަށް ނަމާދުނުކޮށް ހުރުން ހުއްދައެއް ނޫނެވެ. ނަމާދުނުކޮށް ހުރުނަ ވެގެންދަނީ މާބޮޑު ފާފައަކަށެވެ. މިކަމުންވެސް އެނގެނީ ފާފަކުރެވުނަސް ނަމާދުކުރަންޖެހޭ ކަމެވެ.

މިޘާލެއްގެ ގޮތުން ކުރުކުރު ވާހަކައެއް ކިޔައިލަދޭނަމެވެ. ދަމުނަމާދުކުރަމުން ދިއަ މީހަކާއިމެދު ބުނެވުނެވެ.

"މިވެނި މީހާއަކީ ދަމުނަމާދުކުރާ މީހެކެވެ! ނަމަވެސް ހެނދުނުވުމުން އޭނާ ވައްކަން ކުރެއެވެ. ވީއިރު އޭނާގެ ނަމާދުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟" 

އެވަގުތު އެމީހާއަށް ބުނެވުނެވެ. "ކަންބޮޑުނުވާށެވެ! އޭނާ ނަމާދުކުރުމުގައި ދެމިހުރިނަމަ ދާދި އަވަހަށް އޭނާ ވައްކަން ކުރުން ހުއްޓާލައިފާނެތެވެ!" އިން ޝާ ﷲ  

އެކަންވީވެސް ހަމައެހެންނެވެ. ހަމަ ދާދި ކުޑަ ދުވަސްކޮޅެއް ތެރޭގައި އެކަން ފެނިގެންދިއައެވެ. އޭނާ ވައްކަންކުރުން އެކުގައި ހުއްޓައިލިއެވެ. އަދި ފަހުން އޭނާވެގެން ދިއައީ މުޖުތަމައުގައި ހުރި އެންމެ އިތުބާރުކުރެވޭ މީހުންގެ ތެރެއިން މީހަކަށެވެ.

ވީމާ ފާފައެއް ކުރެވޭތީ ނަމާދުނުކޮށް ނުހުންނާށެވެ! ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ކުރާށެވެ! ނަމާދުތައް އޭނާއަށް ކުރެވޭ ފާފައިން އޭނާ ސަލާމަތްކޮށްދޭނެތެވެ! ނަމަވެސް އެކަން އެގޮތަށް ވުމަށް އެދޭ މީހާ ޤަވާއިދުކޮށް ނަމާދުކުރުން ވަރަށް މުހިންމެވެ.  

މިކަން ބަޔާން ކުރައްވައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވޭ މީހާވެސް އިޚްލާޞްތެރިކަމާއިއެކުގައި ނަމާދުކުރާނަމަ އެމީހަކަށް ތެދުމަގު ފެނިގެންދާނެ ކަމަށެވެ. ވީމާ ކޮންމެ ޙާލެއްގައިވެސް ނަމާދުކުރާށެވެ! އަދި މިއީ އެއްވެސް ޙާލެއްގައި ނަމާދުކުރަމުން ފާފަކުރަން ބުނުން ކަމަށް ދެކެގެން ނުވާނެއެވެ. މި ދިން މެސެޖަކީ ފާފަ ކުރެވުނު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ނަމާދުކުރާ ނަމަ އެމީހަކަށް ތެދުމަގު ދައްކަވާނެ ކަމެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން