ކޮންމެ ކުއްޖަކީ އެކަޑަމިކް ތަޢްލީމެވެ މިކިޔާ ބައިން އެންމެ މައްޗަށް ދިއުމަށް ޝައުޤުވެރިވާ ކުދިންނެއް ނޫނެވެ. ބައެއް ކުދިން ޝައުޤުވެރިވަނީ މަސައްކަތުގެ ކޮންމެވެސް ދާއިރާޢަކުން ކުރިއަށްދިއުމަށެވެ.
އެހެންކަމާއިއެކުވެސް އެކަޑަމިކް ތަޢުލީމުން މިންވަރެއް ކޮންމެ ކުއްޖަކަށްވެސް އެނގެން ޖެހޭނެއެވެ. ކީރިތި ޤުރްއާން ކިޔަވަން އެނގުމާއި ޚާއްޞަކޮށް އިސްލާމްދީނަށް ޢަމަލުކުރަން އެނގެންޖެހޭނެއެވެ. ތިމާ ކޮންމެހެން ބަލަހައްޓަންޖެހޭ ޙިސާބުތައް ބަލަހައްޓައިލެވޭވަރަށް ޙިސާބު ޢިލްމްވެސް އެނގެންޖެހޭނެއެވެ. ތަނަކަށް ސިޓީއެއް ފޮނުވަން ޖެހިއްޖެނަމަ މީހެއްގެ ގާތަށް ނުގޮސް އަމިއްލައަށް ލިޔެލަން އެނގުންވެސް މުހިންމެވެ. މިފަދަ އަސާސީ މިންވަރަށް ދަރިންނަށް ތަޢްލީމް އުނގަންނަިދިނުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ މުހިންމު އެއް ވާޖިބެވެ.
ދަރިން ކިޔަވާހިތްނުވާނަމަ، ޝައުޤުވެރިކަން ކުޑަނަމަ މައިން ބަފައިންގެ ހެޔޮ ދުޢާއަކީ ކުދިންނަށް ވަރަށް އަގުހުރި އަދި އެހައިމެ ބާރުގަދަ އެއްޗެކެވެ. ވީމާ ނަޞޭޙަތްދީ ހިތްވަރުދިނުމާއިއެކު ދުޢާކުރުން ގިނަކުރަންވާނެއެވެ.
ހަމަ އެއާއިއެކު ދަރިންގެ ހިތްތައް އަލިކޮށްދެއްވަވައި ތޫނުފިލިކޮށް ދެއްވެވުން އެދި ކުދިންގެ އުމުރާއި ގުޅޭ ގޮތަށް ކުދިންލައްވައިވެސް ދުޢާކުރުވުމާއި ކުދިން ގާތު ހަމައެކަނި ފިލާވަޅު ދަސްކުރާށޭ ބުނެލުމުގެ ބަދަލުގައި ފިލާވަޅުދަސްކުރާވަގުތު މައިން ބަފައިން އެކުދިންނާއިއެކު ވަގުތު ހޭދަކުރުމަކީވެސް ވަރަށް މުހިންމުކަމެކެވެ.
ތަޖުރިބާއިން އެނގޭ ގޮތުގައި ދަރިންގެ ކިޔެވުމަށް ޚަރަދުކުރުމަކުން އަދި ނުފުދެއެވެ. މަންމަގެ އިތުރުން ދަރިފުޅުގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތް ބައްޕަ ބެލުމަކީ ދަރިންގެ ކިޔެވުން ބޮޑުތަނުން ކުރިއަރާ ކަމެކެވެ. ވީމާ ވަޤުތުވާ ވަރަކުން ދަރިންގެ ފޮތްތައް ބައްޕަ ބަލަންވާނެއެވެ. ސްކޫލްތަކުގައި ބާއްވާ ބައްދަލުވުންތަކަށް ގޮސް ޓީޗަރުންނާއި ބައްދަލުކޮށް ދަރިފުޅުގެ ކަންކަން އޮޅުންފިލުވަންވާނެއެވެ. އެކަންކަމަކީ ދަރިންގެ ކިޔެވުމަށާއި އަޚްލާޤަށް ހެޔޮ ބަދަލުތައް އަންނަ ކަމެވެ.
--މިއަދުނޫސް