ތިމާގެ އަގު އެނގޭ، ﷲ އަށް ކިޔަމަންތެރިވެ އިނދެ ދުޢާކުރީމާ ޢިޖާބަކުރައްވަވާނެކަން ޤަބޫލުކުރާ އަންހެނުން ފިރިއަކު ހޯދަން ސޯޝަލެއް ނުވާނެ! އިންނާނީ ގޭގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިމާގެ އަގު އެނގޭ، ﷲ އަށް ކިޔަމަންތެރިވެ އިނދެ ދުޢާކުރީމާ ޢިޖާބަކުރައްވަވާނެކަން ޤަބޫލުކުރާ އަންހެނުން ފިރިއަކު ހޯދަން ސޯޝަލެއް ނުވާނެ! އިންނާނީ ގޭގަ!

މިލިޔުން ޚާއްޞަކޮށްމިލަނީ ފިރިއަކަށް ބޭނުންވިނަމަވެސް ހޯދަން ތަންތަނަސް ނުގޮސް ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ގޭގައި ތިބޭ އަންހެނުންނަށެވެ. އެކަނބަލުންނަށް ހިތްވަރު ދިނުމަށެވެ. ލޮބުވެތި ކަނބަލުން ޔަޤީންކުރާށެވެ! ޙަޤީޤީ ފައިދާއެއް ކުރާނީ ﷲ އަށް ކިޔަމަންތެރިވުމުން ﷲ ދެއްވަވާ ނިޢުމަތްތަކުންކަމެވެ.  

އަންހެންމީހާގެ ޢުމުރަކީ 30 ނުވަތަ އެއަށްވުރެ މަތީ ޢުމުރަކަށްވެސް ވެދާނެއެވެ. އެޢުމުރުގައި ހުންނާނީ ކައިވެނިކުރަން ބޭނުންވެގެންނެވެ. އެކަމަކު ބައެއް އަންހެނުން ފިރިއަކު ހޯދުމުގެ ބޭނުމުގައި ނުކުމެ މިހާރު މިކިޔާ ސޯޝަލް ލައިފްގަ އުޅޭތަނެއް ނުފެނެއެވެ.  

ދެން ގިނަ ފަހަރަށް އެއަންހެނަކަށް ބުނެވެނީ އޭނާއަކީ ޒަމާނަށް ނުފެތޭ އަންހެނެއް ކަމަށެވެ. ނުވަތަ އުނިކަމެއް ހުރި އަންހެނަކު ކަމަށެވެ. އޭނާ ގެއިން ނުނުކުމެ ގޭގައި އިންނަ ސަބަބާއިމެދު ސުވާލުވެސްކޮށްނުލައި މިބުނި ފަދަ ނިންމުންތައް އޭނާއާއިމެދު އެބަ ނިންމައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެންމެ ދެރައީ ބައެއް ޢާއިލާތަކުންވެސް އެކަން އެގޮތަށް ޤަބޫލުކުރާކަމެވެ.  

މިފަދަ ޝަކުވާތައް ލިބުމުން (ޢާއިލާއިން ޝަކުވާކުރުމުން) ކޮންމެވެސް މަގެއް ހޯދައިގެން މަޝްވަރާކުރި އަންހެނުން ވަރަށް ގިނަވާނެއެވެ. އެމީހުންގެ ކިބައިން ލިބޭ ޖަވާބު މުޅިން ތަފާތެވެ. ބައެއް އަންހެނުން ދީފައިހުރި ޖަވާބު އެނގޭ ހެއްޔެވެ؟ "ސޭލް އަޅުވަންޖެހޭނީ ޑިމާންޑް ނެތް މުދާ ވިއްކަން! ރަން ވިއްކަން ދޮލަނގަށް އަޅައިގެން ގަންނާނެއްބާ؟ ކިޔަމުން ހިނގާތަ؟ ރަންގަންނަން ބޭނުންވާ މީހުން ފިހާރަތަކަށް ގޮސް ރަން ގަންނާނެ!" މިފަދަ ޖަވާބުތަކެވެ.  

"ހިލޭ ފިރިހެނުންނާ މަސްހުނިވާން ތަންތަނަށް ނުދިއައިމަ އަހުރެމެން ކުރާ ދުޢާ ﷲ ތަޢާލާ އައްސަވައިވޮޑިނުގަންނަވާނީތަ؟" ފަދަ ޖަވާބުތައްވެސް ދެއެވެ. މިފަދަ ޖަވާބުތައް ދިނުމުން ހިތްވަރާއިއެކު ޘާބިތުވެ ތިބުމަށް ބުނުން ނޫން ކަމެއް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. ޢާއިލާތަކުގެ އެދުމަށް 2021 ވަނަ އަހަރު އެކަނިވެސް އެގޮތަށް ގޭގައި ތިބި 400 އަށްވުރެ އަންހެނުންނާއި ވާހަކަ ދެއްކީމެވެ. އެއީ އަހަރުގެ ކޮންމެ ދުވަހަކަށް އެކަކަށްވުރެ ގިނަ ޢަދަދެކެވެ. 2023 ނިމުނުއިރު އެހުރިހާ އަންހެނުންނަށްވަނީ ހެޔޮލަފާ ބައިވެރިން ލިބި ކައިވެނިކޮށްފައެވެ. މާޝާ ﷲ  

ދެން ނިކަން ބުނެބަލާށެވެ! އެކަނބަލުންނަށް ކުޑައިމިސް ބަސްތައް ބުނުން ޙައްޤުވާނީ ކޮން ގޮތަކުން ހެއްޔެވެ؟ ސޯޝަލް ލައިފެއް ފަށަން އެކަނބަލުންނަށް ބާރުއަޅަން ހެޔޮވާނީ ކޮންގޮތަކުން ހެއްޔެވެ؟

 

- ޑރ. ޙަލީމަތު 

- މިއަދުނޫސް

މިއަދު އޮންލައިން