ބަދަހި އިސްލާމީ ކައިވެންޏެއް ބިނާކުރާނެ ގޮތް-: ޑރ. ޝައިޚާ ހައިފާ ޔޫނުސް

ކިޔުމަށް ހޭދަވާނީ 2މ 46ސ
ބަދަހި އިސްލާމީ ކައިވެންޏެއް ބިނާކުރާނެ ގޮތް-: ޑރ. ޝައިޚާ ހައިފާ ޔޫނުސް

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްލާމްދީނުގައި ޚިލާފުތަކާއި ދެބަސްވުންތަކުގެ އަސަރު ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. ސަބަބަކީ ކައިވެނިތައް ރޫޅެން މެދުވެރިވަނީ ކޮންކަމަކުން ހެއްޔެވެ؟

އެއްވެސް މީހަކު ކުއްލިއަކަށް ވަރިއެއް ނުވެއެވެ. އޭގެ ކުރިން ޚިޔާލު ތަފާތުވުންތައް އުފެދެއެވެ. ތިމަންނާ ބޭނުންވަނީ މިވެނި ކަމެކެވެ. އޭނާ ބޭނުންވަނީ އެވެނި ކަމެކެވެ. ދެން އުފެދެނީ ދެބަސްވުމެވެ. އަދި ދެބަސްވުންތައް ޙައްލުކުރާނެ ގޮތް ނުއެނގޭނަމަ، ކަންކަން ގޯހުން ގޯހަށް ދާން ފަށައެވެ. 

އެހެންކަމުން، އިސްލާމްދީނުގައި މިފަދަ ދެބަސްވުންތަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތަކެއް ކަނޑައަޅާފައިވަނީ އެކަންކަން ވީވަރަކުން ނައްތާލުމަށެވެ. އަދި އެފަދަ ދެބަސްވުންތަކުގެ ސަބަބުން ކައިވެނި ހަލާކުވެގެންދާނެތީއެވެ. ދެން، ޢާއިލާއާއި އިޖުތިމާޢީ އޮނިގަނޑާމެދު އިސްލާމީ ނަޒަރިއްޔާތަކީ ކޮބައިހެއްޔެވެ؟ އަދި އެއީ ކިހިނެއް ބިނާކުރެވޭ އެއްޗެއް ހެއްޔެވެ؟ މިއީ ތިޔަބޭފުޅުންނަށް އޮތް ސުވާލެކެވެ. 

އިސްލާމްދީނުގައި ޢާއިލީ ނިޒާމާމެދު ދެކެނީ ކިހިނެއްހެއްޔެވެ؟ އެ ނިޒާމު ބިނާކުރާނެ ގޮތަކީ ކޮބައިހެއްޔެވެ؟ އެއީ މުއައްސަސާއެކެވެ (ނިޒާމެކެވެ). އަޅުގަނޑުމެންނަށް ހީވަނީ ކައިވެންޏަކީ ހަމައެކަނި ކައިވެނީގެ ޙަފްލާ އޮންނަ ދުވަސް ކަމަށެވެ. ލާނީ ކޮން ހެދުމެއްތޯ، ހަނީމޫނަށް ދާނީ ކޮންތަނަކަށްތޯ، ދިރިއުޅޭނީ ކޮންތާކުތޯ، އުޅޭނީ އޭނާގެ މައިންބަފައިންނާއެކު ތޯ ނުވަތަ އޭނާ އަންނާނީ ތިބާގެ މައިންބަފައިންގެ ގެއަށްތޯ ބެލުމެވެ. ނަމަވެސް އަސްލު މުހިންމު ކަންތައް ތިޔަބޭފުޅުންނަށް އެވަނީ އޮޅިފައެވެ. 

އިސްލާމީ ނަޒަރިއްޔާތުގައި ކައިވެންޏަކީ ޝަރުޢީ/ޤާނޫނީ ޢަޤުދެކެވެ (ޢަޤުދުނާމާއެކެވެ). އެ ޢަޤުދާއެކު، ދެމީހުންގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ޙައްޤުތައް ސާފުކޮށް ބަޔާންކުރެވިފައި ހުންނަންޖެހެއެވެ. ސާފުނުކޮށް ކަންކަން ވާނެކަމަށް ހީކޮށްގެން ނުތިބޭށެވެ. ޢާންމު މިސާލެއް ދަންނަވާނަމަ؛ ތިޔަބޭފުޅާ ބޭނުންވަނީ އަނބިމީހާ ވަޒީފާއަށް ދާށެވެ. ނަމަވެސް އޭނާ ބޭނުމެއް ނުވެއެވެ. ނުވަތަ ތިޔަބޭފުޅާ (އަނބިމީހާ) ބޭނުންވަނީ ވަޒީފާއަށް ދާށެވެ. ނަމަވެސް ފިރިމީހާ ބޭނުމެއް ނުވެއެވެ. މިއީ ވަރަށް އާންމު މައްސަލައެކެވެ. ކައިވެނީގެ ކުރިން މިކަމާމެދު ވާހަކަދެއްކެވިންތޯ؟ އެކަމަށް އެއްބަސްވީ ކިހިނެއްތޯ؟ ކައިވެނި ކުރެވޭންދެން މަޑުކޮށްގެން ތިބެގެން ނުވާނެއެވެ. 

ދެބަސްވުންތައް ޙައްލުކުރުމުގެ އުޞޫލަކީ ކޮބައިހެއްޔެވެ؟ އެއީ "ތިމަންނާ ބުނާ ގޮތް، ނޫނީ ވަކިވުން" މިފަދަ ގޮތަކަށް އޮވެގެން ނުވާނެއެވެ. އެހެނީ ދެމީހުން ކުރެ ކޮންމެ މީހަކުވެސް އެގޮތަށް ހިފަހައްޓައިފިނަމަ، ނިމުން އަންނާނީ ވަރިއަށެވެ. މައްސަލަތައް ޙައްލުކުރާނެ އުޞޫލު ވަރަށް މުހިންމެވެ. އަދި އެކަމާމެދު ވާހަކަދައްކަންޖެހެއެވެ. "އެކަމަކު އޮތީ، ތިމަންނާ އަޅައެއް ނުލަމެވެ" ނުބުނާށެވެ. އެހެނީ ފަހުން ދިރިއުޅެންޖެހޭނީ ހިތާމައިގައެވެ. ހަޤީޤަތާ ކުރިމަތިލާންޖެހުމުން ދެމީހުންގެ މެދުގައި މައްސަލަތައް އުފެދޭނެއެވެ. ކައިވެނީގެ އެއްބަސްވުމަކީ ގަލުގައި ކަނޑާނަގާފައިވާ އެއްޗެއް ނޫނެވެ. އަޅުގަނޑު އަބަދުވެސް ބުނަމެވެ. ކޮންމެ ކަމެއްވެސް ބަދަލުކުރެވިދާނެއެވެ. ނަމަވެސް، އެއް ގޮތެއް ކާމިޔާބު ނުވެއްޖެނަމަ ބަދަލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ހިމެނެންޖެހެއެވެ. ލިޔެވިފައިވާ އެއްބަސްވުމެއް އޮތުމަކީ ވަރަށް ރަނގަޅު ޚިޔާލެކެވެ. އެހެނީ ތިޔަބޭފުޅާވެސް، އަޅުގަނޑުވެސް، އަދި އޭނާވެސް ހަނދާންނެތިދާނެއެވެ. އިންސާނުން ބަދަލުވެއެވެ. އެހެންކަމުން އެކަން ލިޔާށެވެ. ދެފަރާތުންވެސް ކިޔައި، އެއްބަސްވާށެވެ.

 

- ޑރ. ޝައިޚާ ހައިފާ ޔޫނުސްގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން