ޢާއިޝަތު ރަފާޙް ޢަލީ
މި ދުނިޔޭގެ ތަކުލީފުތަކާއި ހިތާމަތައް ބޮލުގައި އެޅުމުން، އެފަދަ ދަތިކަމެއް ދިމާވުމުން އޭނާ ނަމާދަށް އަވަސްވެގަނެ، ﷲ ތަޢާލާއަށް ނަމާދުކޮށް، އެކަލާނގެ ކަލާމްފުޅު ކިޔަވައި، ސަޖިދައިގައި އޭނާގެ ވެރިރަސްކަލާނގެއަށް ދަންނަވައި، އެކަލާނގެއަށް ދުޢާކޮށް، އުންމީދުކޮށް، އޭނާގެ ހިތުގެ އެންމެހައި ޝަކުވާތަކާއި ދަތިތައް އެކަލާނގެ ޙަޟްރަތުގައި ބަންޑުންކޮށްލައެވެ. އޭރުން ﷲ ތަޢާލާ އޭނާގެ ހިތުގައިވާ ތަކުލީފުތައް ފިއްލަވައި، އޭނާގެ ހިތަށް ހިތްހަމަޖެހުން އަންގަވައިދެއްވައެވެ. ދުނިޔޭގެ ދަތިތަކުން ތަހައްމަލުކުރަމުންދިޔަ ކިތަންމެ މީހަކު ނަމާދަށް އައުމުން، ﷲ ތަޢާލާ އޭނާއަށް ބަންދުވެފައިވި ދޮރުތައް ހުޅުއްވައިދެއްވައި، އޭނާ ހީވެސް ނުކުރާފަދަ ގޮތްގޮތުން ރިޒުޤު ދެއްވާފައިވެއެވެ.
އެހެންކަމުން، މީސްތަކުން ނަމާދު ކުރިކަމުގައި ވީނަމަވެސް، އެ ނަމާދުން އެމީހުންނަށް ލިބޭ ދަރުމައާއި ސަވާބު ތަފާތެވެ. އަލްމުސްނަދުގައި ޞަޙީޙު މަގުން ރިވާވެގެންވާ ޙަދީޘެއްގައި، ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން މީހަކު ނަމާދުކޮށް ނިމޭއިރު، އޭނާއަށް އެ ނަމާދުން (ދަރުމައިގެ) ދިހަބައިކުޅައެއްބައި، ނުވަތަ ނުވަބައިކުޅައެއްބައި، ނުވަތަ އަށެއްބައިކުޅައެއްބައި، ނުވަތަ ހަތެއްބައިކުޅައެއްބައި، ނުވަތަ ހަބައިކުޅައެއްބައި، ނުވަތަ ފަސްބައިކުޅައެއްބައި، ނުވަތަ ހަތަރުބައިކުޅައެއްބައި، ނުވަތަ ތިންބައިކުޅައެއްބައި، ނުވަތަ ދެބައިކުޅައެއްބައި މެނުވީ ނުލިބެއެވެ."
ފަހެ ނަބިއްޔާ ﷺ އެ ބަޔާންކޮށްދެއްވީ، ދެ މީހަކު އެކުގައި ނަމާދަށް ތިބެދާނެ ކަމެވެ. އެމީހުން ތިބީ ކައިރިކައިރީގައި ކަމަށް ވެސް ވެދާނެއެވެ. އަދި ނަމާދުގައި ހޭދަކުރީ އެއް ވަގުތެއް ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެކަކަށް ލިބޭ ދަރުމަ އަނެކާއަށްވުރެ ދިހަ ގުނަ އިތުރުވެގެން ވެދާނެއެވެ.
މީގެ ސަބަބަކީ ތިން ކަމެކެވެ:
1. ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމެވެ.
2. ނަމާދުގައި ޚުޝޫޢަތްތެރިވުމެވެ.
3. ސުންނަތްތަކާއި އަދަބުތައް އެނގިގެން ނަމާދުކުރުމެވެ.
އެހެންކަމުން، ﷲ ތަޢާލާގެ ޝަރީޢަތުގެ ޙުކުމްތައް އުނގެނިގެން ހުރި ޢިލްމުވެރިއެއް ނުވަތަ ޢިލްމު ހޯދާ މީހާގެ އަޅުކަމަށް، އެހެން މީހުންގެ އަޅުކަމަށްވުރެ ބޮޑު ދަރުމައެއް ﷲ ތަޢާލާގެ ޙަޟްރަތުން ލިބިގެންވެއެވެ. އޭނާ ފައިތިލަ ބަހައްޓާއިރު ބަހައްޓަންވީ ގޮތް އޭނާއަށް އެނގެއެވެ. އަދި އަތް ބަނދެލާއިރު ބަނދެލަންވީ ގޮތްވެސް އެނގެއެވެ. އޭނާ އަތް ބަނދެލަނީ އާދައިގެ ގޮތަކަށް ނޫނެވެ. ނަމަވެސް ނަބިއްޔާ ﷺ އަށް އިޤްތިދާވުމުގެ ގޮތުންނެވެ. އަދި އޭނާގެ ލޮލުގެ ނަޒަރު ސަޖިދަކުރާ ތަނަށް ހުއްޓައިލަނީ، އެކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުން އޭނާ އުނގެނިފައިވާ ސުންނަތަކަށް ތަބާވުމުގެ ގޮތުންނެވެ.
އެހެންކަމުން، ތައުފީޤު ލިބިގެންވާ އަޚާއެވެ! އަހުރެންގެ ވާހަކަކޮޅު ނިންމާލާނީ، ﷲ ތަޢާލާ ޠާހާ ސޫރަތުގެ 132 ގައި ވަޙީކުރައްވާފައިވާ މި އާޔަތުންނެވެ: وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ" (އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ!)
އެހެންކަމުން، މި ދުވަސްވަރު ތިޔަބައިމީހުންގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރުކުރުމަށް ސަމާލުކަން ދޭށެވެ. އެއީ އެންމެ މުހިންމު ކަންތައް ކަމުގައިވާ ފަރުޟު ނަމާދާއި، ކީރިތި ޤުރްއާން ކިޔެވުމެވެ. އަދި ނަމާދުގެ ރުކުންތަކާއި ވާޖިބުތައް އުނގަންނައިދިނުމަށްފަހު، އެ ނަމާދުގެ ސުންނަތްތަކާއި އަދަބުތައްވެސް އެމީހުންނަށް އުނގަންނައިދީ ދައްކައިދޭށެވެ.
- ޝައިޚް އަބްދުއްސަލާމް އަލްޝުވައިޢަރު
- މިއަދުނޫސް