ދެމަފިރިންގެ މެދުގަ މައްސަލަތައް ގިނަވެ ޙައްލުކުރަން އަބަދު މަސައްކަތްކުރަންޖެހޭނަމަ ލިބޭނެ އެންމެ ބޮޑު އެއް ދެރަ އެނގޭ ހެއްޔެވެ؟ އެދެރައަކީ އެއްކަމެއް އަބަދުކުރަން ޖެހުމުން ސިކުނޑި އެކަމަށް ދެކޮޅުހަދަން ފެށުމެވެ. ބައިވެރިޔާ ދެކެ ފޫހިވެވި ކައިވެނި ރޫޅައިލުމުގެ ވިސްނުން އަންނަން ފަށަނީ އެހިސާބުންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! ގިނަ ބައަކަށް މިއުޅެނީ ﷲ ތަޢާލާ ކުރިމތިކުރައްވަވާ ކަންކަމަށްވެސް ކެތްތެރިވުމަކީ ބުރަކަމަކަށްވެގެންނެވެ. މިއޮންނަނީ ޝަކުވާކުރަން ފެށިފައެވެ. އެކަންކަން ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަން އެނގޭއިރުވެސްމެއެވެ. އެހެންކަމަށްވާއިރު އެއްވެސް މީހެއްގެ ކިބައިން އަބަދު އެއްބާވަތުގެ މައްސަލަތަކެއް ކުރިމަތިވާނަމަ އެކަންކަމަށް ކެތްތެރިވެވޭނީ ކާކަށް؟ ކިހާމިންވަރަކަށް ހެއްޔެވެ؟
އަހުރެން މިފާހަގަކުރަނީ ހަމައެކަނި ބޭވަފާތެރިވުމުގެ މައްސަލަތަކެއް ނޫނެވެ. އެއްވެސް ޝައްކެއް ނެތެވެ. ބޭވަފާތެރިވުމަކީ އެންމެ ބޮޑު މައްސަލައެވެ. ހަމަ އެއާއިއެކު ސަމާލުކަން ކުޑަކުރުމާއި އަޅައިނުލުމާއި ފަރުވާކުޑަކުރުމަކީވެސް ހަމަ ބޮޑެތި މައްސަލަތަކެވެ. އަބަދު އެކަންކަން ކުރިމަތިވާނަމަ ކުރިން ބުނިފަދައިން ސިކުނޑި ރުޅިއައިސް ހަށިފޮޅައިލާ ޙާލަތަށްދާނެއެވެ.
އެޙާލަތަށް ދިއުމުން ކަންކަން ވިސްނި ބައިވެރިޔާ ބޭނުންވާހައި ކަމެއްކޮށްދީ ގައިގަ ފިރުމަން އުޅުނަސް ގިނަ ފަހަރު އޮންނާނީ އެކަންކަން ޤަބޫލުނުކުރެވިފައެވެ. އެއީ ބައިވެރިޔާގެ ކުށެއް ނޫނެވެ. އެކަންކަން ބަލައި ނުގަންނަން ސިކުނޑި މަޖުބޫރުކުރުވަނީއެވެ.
ދެން ބަލައިލަންވީ ކަމުގެ ޙައްލަށެވެ. ޙައްލަކީ އެޙާލަތަށް ކަންކަން ދިއަ ނުދިނުމެވެ. ކުށެއްވެސް ކުރެވިދާނެއެވެ. ކަމަކަށް އިހްމާލުވެސް ވެވިދާނެއެވެ. ފަސްނުޖެހި މާފަށް އެދޭށެވެ. އިތުރަށް އެކަންކަން ތަކުރާރުނުކުރާށެވެ. އެކަމަށް ސަމާލުކަން ނުދިންނަމަ ތިމާދެކެ ކިތަންމެ ލޯބިވާ ބައިވެރިޔާވެސް ގެއްލި އަތުން ބީވެގެން ދިއުން އޮންނާނީ ދާދި ގާތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން