ދެދުނިޔޭގަވެސް އެންމެ ޝަރަފުވެރި، އެންމެ މަތިވެރި، ބައިވެރިވެވިއްޖެނަމަ އެންމެ ބޮޑު ފައިދާކޮށް ހިތް އުފަލުން އުތުރިއަރާނެ ޕެރޭޑްގައި ބައިވެރިވާން އެބަ މަސައްކަތްކުރަމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ދެދުނިޔޭގަވެސް އެންމެ ޝަރަފުވެރި، އެންމެ މަތިވެރި، ބައިވެރިވެވިއްޖެނަމަ އެންމެ ބޮޑު ފައިދާކޮށް ހިތް އުފަލުން އުތުރިއަރާނެ ޕެރޭޑްގައި ބައިވެރިވާން އެބަ މަސައްކަތްކުރަމުހެއްޔެވެ؟

ކޮންމެ ޤައުމެއްގައިވެސް ތަފާތު ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރެއެވެ. ވަރަށް ފުރިހަމައަށް ޔުނިފޯމް އަޅައިގެން ތިބޭ ސިފައިން ޢިއްޒަތާއި ޝަރަފުގެ ހިނގާލުންތައް ބާއްވައެވެ. އެތަން ބަލަން ގިނަ ބައަކު މަގުތަކަށް ނުކުމެއެވެ. ބޮޑެތި ރަސްމިއްޔާތުތަކުގައި އަދި މާފުރިހަމައަށް ޢިޢްޒަތްދެއެވެ. ފައިހަމަކޮށް ހިނގައި ހަދައެވެ.  

އަހުރެމެން ސަމާލުކަންދޭންޖެހެނީ އެހުރިހާ ކަމަކަށްވުރެ މާބޮޑު ކަމަކަށެވެ. އެހެންކަމުން މިއުޅެނީ އެކަމަށް ކޮންމެވެސް ވަރަކަށް ބަލައިލެވޭތޯއެވެ.  

"އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ތަޤްވާ ވެރިވިމީހުން، ބައިބައަށް ސުވަރުގެއާއިދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ...." ޙަޤީޤީ ޝަރަފުވެރިންނަކީ ޤިޔާމަތްދުވަހު ޢިއްޒަތާއި މާތްކޮށް ހިތުމާއިއެކު ސުވަރުގެއާއި ގެންދެވޭ މީހުންނެވެ!   

"އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ތަޤްވާ ވެރިވިމީހުން، ބައިބައަށް ސުވަރުގެއާއިދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިއަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔއަބައިމީހުންގެ މައްޗަށް ސަލާމްހުށްޓެވެ. ތިއަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިއަބައިމީހުން އެތަނަށް ވަންނާށެވެ!" (އައްޒުމަރު: 73) 

އުފާވެރިކަން ލިބުން އޮތް ހަމައެކަނި ގޮތަކީ އެމީހަކަށް ސުވަރުގެ ލިބުމެވެ. ސުވަރުގޭގެ ބަނޑޭރިން މަރުޙަބާ ވިދާޅުވެ ސަލާމް ވިދާޅުވާނެ މީހުންނެވެ! ދުނިޔޭގައި ހެޔޮ އަމަލުތައް ކުރުމުގެ ސަބަބުން ސުވަރުގޭގެ ދާއިމީ ނިޢްމަތް ލިބިގަންނަ މީހުންނެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިދުނިޔޭގައި ހޭދަކުރަން ޖެހޭ ކުރު މުއްދަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ތިމާއަކީ މަލާއިކަތް ބޭކަލުންގެ ފައުޖުތައް ވަށައިގެން ތިއްބަވައި ސުވަރުގެ އާއި ދިމާއަށް ޢިއްޒަތާއިއެކުގައި ގެންދެވޭ މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! މަސައްކަތްކުރަންވީ ދުނިޔޭގައި އޮނަރގާޑް ހޯދާކަށް ނޫނެވެ! އަސްކަރީންގެ ފައުޖެއްގެ މެދުގައި ހުރެ ހިނގާކަށް ނޫނެވެ! ގަދައަޅައި މަސައްކަތްކުރަންވީ މަލާއިކަތުންގެ ފައުޖުގެ މެދުގައި ހުރުމުގެ ޝަރަފާއި ސުވަރުގެ ވަދެވުމުގެ މަތިވެރި ނިޢްމަތް ޙާޞިލުކުރެވޭތޯއެވެ!  

"އޮނަރގާޑް" އެރުވުމުން މިއަދު ވެރިންނާއި އެނޫން މީހުން ވެސް ވަރަށް ފަޚުރުވެރިވެއެވެ. ފަޚުރުވެރިވެ، ބޮޑާވެ، ކިބުރުވެރިވެ ހައިބަތު ދައްކައިގެން ރުސްތުމްގައި ތިބެއެވެ! ނަމަވެސް އެމީހުންނަކީ ޤިޔާމަތް ދުވަހުގެ ޝަރަފުގެ ހިނގާލުމުގެ ބައިވެރިއަކަށް ނުވެވިއްޖެ ނަމަ ދުނިޔޭގަ ބާއްވާ އޮނަރގާޑުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން