ސިއުޒާ
ތިބާގެ ކައިވެނި 60 އަހަރަށް ނުވަތަ އެއަށްވުރެވެސް ދިގު މުއްދަތަށް ދެމިގެންދާން ތިބާ ބޭނުންނަމަ މި 7 ދޮރު ރަނގަޅަށް ތެޔޮލާ ހުޅުވާފައި ބަހައްޓާށެވެ. މިއިން ކޮންމެ ދޮރަކީވެސް ހަމަ އެހާމެ މުހިއްމު ދޮރެކެވެ. އެހެންކަމުން މިއިން އެންމެ ދޮރެއް ލެއްޕުނުކަމުގައި ވީނަމަވެސް ތިބާގެ ކައިވެންޏަށް އޭގެން އަސަރު ކުރާނެއެވެ.
1- މަޢާފުގެ ދޮރު:
ކޮންމެ ކައިވެންޏަކީވެސް އެއް ފުރާޅެއްގެ ދަށަށް ނިސްބަތްވާ އެންމެ ފުރިހަމަ ނޫން ދެމީހެކެވެ. ދުލާއި ދަތްތައް ތިބެނީ ހަމަ އެއް އަނގައެއްގައެވެ. ބައެއްފަހަރު އެކަތި އަނެކައްޗަށް ހަމަލާ ދެވެއެވެ. މަޢާފް ކުރުމަކީ ބަލިކަށި ވުމެއް ނޫނެވެ. އެއީ ބުއްދިވެރިކަމެވެ.
ތިބާ އީ މަޢާފް ނުކުރާ މީހެއް ނަމަ ތިބާގެ ހިތެކޭ ކައްކަން ގެންގުޅޭ އެހެނަސް އެއްގޮތަކަށްވެސް ނުދޮންނަ ތެއްޔެކޭ އެއްފަދައެވެ. ދުވަސް ވަމުން އަންނަ ވަރަކަށް އޭގަ ހުންނަ އެއްޗެހިން ވަސް ދުވަން ފަށާނެއެވެ. އެހެންކަމުން އިއްޔެގެ ރުޅިވެރިކަމުގެ ސަބަބުން މިއަދުގެ ސޫޕް ހިތި އެއްޗަކަށް ނުހަދާށެވެ.
2- ތެދުވެރިކަމާއި އެކު މުއާމަލާތު ކުރުމުގެ ދޮރު:
ހަނު ހުރުމަކީ ހަމަހިމޭން ޤާތިލެކެވެ. ތިބާ ވާހަކަ ދެއްކުން ހުއްޓާލާ ހިސާބަކީ ދެމީހުންގެ މެދުގައި ފާރެއް ބިނާ ކުރަން ފަށާ ހިސާބެވެ.
އިހުގެ މީހުން ބުނެ އުޅެއެވެ. " އަޑު އިއްވާ ނުރޯ މީހަކު މަރުވާނީ އެކަނި އޮވެއެވެ."
ތިބާގެ ފައިގައި ކައްޓެއް އިނީއެވެ. ތިބާގެ ބައިވެރިޔާ ގާތުގައި އެ ނަގައިދިނުމަށް ބުނާށެވެ. އޭނާއަށް އެ ނަގައި ދެވޭނީ އޭރުންނެވެ. އެހެނަސް ތިބާ އެ ވޭން ފޮރުވައިފިނަމަ، ތިބާ ހިނގަން ޖެހޭނީ ކޮރުޖަހައިގެން ކަމުގައިވެސް ވެދާނެއެވެ.
ކައިވެނީގެ ގުޅުން ވަރުގަދަ ނަމަ، އެއްވެސް ބިރަކާ ނުލައި ތިބާގެ ހިތުގައިވާ އެއްޗެއް ހާމަ ކޮށްލެވޭނެއެވެ.
3- އިޙްތިރާމް ގެ ދޮރު:
ލޯތްބަކީ ހުޅުކޮޅެވެ. އެހެނަސް އިޙްތިރާމް އަކީ އެ ހުޅުކޮޅު ހިފަހައްޓާލަދޭ ހިތެވެ. އިޙްތިރާމް ނެތް ނަމަ، ލޯބި ބެހިގެން ގޮސް މުޅި ގެ އަނދައިގެން ހިނގައިދާނެއެވެ.
ދޫންޏަކަށް އެންމެ ފިޔަގަނޑަކާއި އެކު އުދުހުމަކީ ވާނެކަމެއް ނޫނެވެ. އިޙްތިރާމްއަކީ ލޯބީގެ ދެވަނަ ފިޔަގަނޑެވެ. ތިބާގެ ބައިވެރިޔާގެ އަގު ތިބާ ކޮންމެހެންވެސް ހިފަހައްޓަންޖެހޭނެއެވެ. ހާއްސަކޮށް އެހެން މީހުން ބަލަން ތިބޭ ހިނދުގައެވެ. އެމީހުން ތިބާގެ ބައިވެރިޔާއަށް ފުރައްސާރަ ކުރިއަ ނުދޭށެވެ.
ގިނަ އާއިލާތަކުގައި ލޯބި ނެތިގެން ދަނީ އެގޮތް ބޭނުން ވެގެނެއް ނޫނެވެ. ލޯބި ނެތިގެން ދަނީ އެއަށް ވުރެ ކުރިން އިޙްތިރާމް ގެއްލި ދިޔުމުންނެވެ. އޭގެ ސަބަބުން ލޯތްބަށް ޖާގައެއް ނެތީމައެވެ.
4- ކެއްތެރިކަމުގެ ދޮރު:
މުޅިން ތަފާތު ދެ ދުނިޔެއެއް އެކައްޗަކަށް ހަދާލަދޭ އެއްޗަކީ ކައިވެންޏެވެ. މިއަދު އިންދާ ގަހަކުން މާދަމާ ކާން ލިބޭނެ ކަމަށް އުއްމީދު ކުރާކަށް ނުވާނެއެވެ.
އިހުގެ މީހުން ބުނެއުޅެއެވެ. ”ތިބާގެ ރުޅި ކިތަންމެ ހޫނުވިޔަސް، އެޔަކުން އަލައެއް ނުކެއްކޭނެއެވެ."
ހަމަ އެންމެ ރެއަކުން މީހުން ބަދަލެއް ނުވާނެއެވެ. ކައިވެނީގެ ގަސް ފުނަށް މޫލާން ބޭނުންވާ ވެލި ލިއްބައިދެނީ ކެއްތެރިކަމުންނެވެ. ގުޅުން ފެށޭ ހިސާބުން އެންމެ ފުރިހަމަކަމަށް ތިބާ އެދޭނަމަ ތިބާ ބިނާ ކުރަން ބޭނުންވާ އެއްޗެއް މުގުރިދާނެއެވެ.
5- ދެމީހުންގެ ގުޅުމުގެ ދޮރު:
ކައިވެންޏަކީ ވަރުގަދައީ ކާކުތޯ ބަލަން، ހަނގުރާމައިގެ މައިދާނެއް ނޫނެވެ. އެއީ ދެމީހުން އެކުގައި ދެވެނީ ކިހާ ދުރަކަށްތޯ ބަލަން ދާ ހިނގާލުމެކެވެ.
އިހުގެ މީހުން ބުނެއެވެ. "ތިބާ އަވަހަށް ދާން ބޭނުންނަމަ ތިބާ އެކަނި ދާށެވެ. އެހެނަސް ތިބާ ދުރަށް ދާން ބޭނުން ނަމަ، ދެމިހުން އެކުގައި ދާށެވެ."
ދެބަސްވުމަކުން މޮޅުވަނީ ކާކުތޯ ބެލުން ހުއްޓާލާށެވެ. ކައިވެންޏެއްގައި މޮޅުވާނީވެސް ދެމީހުން އެކުގައެވެ. އަދި ބަލި ވާނީވެސް ދެމީހުން އެކުގައެވެ.
6- އަގު ވަޒަން ކުރުމުގެ ދޮރު:
ބަގީޗާއެއްގައި ފޮޅިފައިވާ ރީތި މަލުގެ ވަސް ބަލާލަން ހަނދާން ނެތޭހާ ގިނަ ވަގުތު އަޅުގަނޑުމެން ވިނަ ހޯދާ ނޮޅުމުގައި ހޭދަކުރެވެއެވެ.
އިހުގެ މީހުން ބުނެ އުޅެއެވެ. "އެ އަތަކުން ފިނިފެންމާ ދިއްކޮށްލާ އަތުގައި އަބަދުވެސް އެ މަލުގެ ވަސް ކޮންމެވެސް ވަރަކަށް ހަރުލާފައި ހުންނާނެއެވެ. "
ހަމަ އެންމެ އާދައިގެ " ޝުކުރިއްޔާ" އަކީވެސް އަލިފާނަށް ވާ ލަކުޑި ފަދަ އެއްޗެކެވެ. ތިބާގެ ބައިވެރިޔާއަށް ތިބާ އޭނާ ބަލައި ނުގަންނަ ކަމުގެ އިޙްސާސް ކުރެވޭ ހިނދު އެމީހުންގެ ހިތް ފިނިވާން ފަށައެވެ. ޝުކުރުވެރި ވުމަކީ ފިނި މޫސުމުގައި ކައިވެނި ހޫނު ކަންމަތީ ދަމަހައްޓައިދޭ ރަޖައެއް ފަދަ އެއްޗެކެވެ.
7- އެކަކު އަނެކަކާ ހިއްސާ ކުރުން:
އެއްވެސް އަމާޒެއް ނެތް ކައިވެންޏަކީ ކަނޑުގެ މެދުގައި ފައްޔެއް ނެތި އޮޔާ ދާ ދޯންޏެއް ފަދަ އެއްޗެކެވެ. ދެ ކިނބޫ އެއް މަހަކުން ކާއިރަކު އެކަތި އަނެކަތި ގަޔަކު ދަތެއް ނާޅާނެއެވެ.
ދެމީހުންގެ އެއް ހުވަފެނެއް އޮންނަން ޖެހޭނެއެވެ. އެއީ ދަރިން ތަރުބިއްޔަތު ކުރުން ވިޔަސް ނުވަތަ ވިޔަފާރިއެއް ބިނާކުރުން ނަމަވެސް މެއެވެ. ދެމީހުން އެއް ރާސްތާއަކަށް ބަލާނަމަ މަގުގައި ހުންނަ ކުދިކުދި އަޑިގުޑަންތައް އެއީ މާ ބޮޑު ކަމަކަށް ނުވާނެއެވެ.
ކައިވެންޏެއް އެންމެ ދުވަހަކުން ރޫޅިގެނެއް ނުދާނެއެވެ. ކައިވެނި ރޫޅެން ފަށަނީ މި ދޮރުތައް މަޑުމަޑުން ލެއްޕެން ފެށުމުންނެވެ. އަދި ހުރިހާ ދޮރެއް ލެއްޕި ވައި ބަންދުވުމުންނެވެ.
އެހެންކަމުން މި ދޮރުތަކުގެ ހުޅުތަކުގައި އޯގާތެރިކަމުގެ ތެލުން ތެޔޮލާށެވެ. އަދި ދުޢާއިން ތަޅުތައް އޮފު ކޮށްލާށެވެ.
ގަދަ ވިއްސާރައިގެ ސަބަބުން ގޭގެ ފަރާޅު ހަލާކު ވެދާނެއެވެ. އެހެނަސް ފުނަށް ވަޅުލެވިފައިވާ ވަރުގަދަ ތަނބުތަކުން ހަދާފައިވާ ގެއެއް ހަލާކެއް ނުކޮށްލެވޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން