ޤާނޫނާ ޚިލާފަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށް ވުރެ ގިނަ ރުފިޔާއާ އެއްވަރުގެ އަދަދެއްގެ ބޭރު ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ފައިސާތައް އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. މި ފައިސާތައް ފެނިފައިވަނީ ރާއްޖެއިން ފުރަން ދިޔަ އިންޑިއާގެ ރައްޔިތެއްގެ އަތުންނެވެ.
ކަސްޓަމްސްއިން ވިދާޅުވީ، އެ މީހާގެ އަތުން ފެނުނު ފައިސާތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ފައިސާ ހިމެނޭ ކަމަށެވެ. އަދި އަތުލައިގަތް ފައިސާގެ ޖުމްލަ އަދަދު ދިވެހި ރުފިޔާއިން ބަލާއިރު 905،669.80 (ނުވަ ލައްކަ ފަސް ހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ ލާރި) އަށް އަރާ ކަމަށް ވެސް ކަސްޓަމްސްއިން ހާމަކުރައްވައެވެ.
ރާއްޖޭގެ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނާއި ގަވާއިދުތައް ބުނާގޮތުން، ވަކި މިންވަރަކަށް ވުރެ ގިނައިން ބޭރު ފައިސާ ރާއްޖެއިން ބޭރުކުރާނަމަ ނުވަތަ އެތެރެކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.