އަސާސެއް ނެތި އަދި ސިޔާސީ މަގުސަދުތަކުގައި ފަރާތްތަކުގެ އަގު ވައްޓާލުމުގެ ނިޔަތުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަތައް ހުށަހަޅާކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. އަދި އެފަދަ އަމަލުތަކާ މެދު ފިޔަވަޅު އަޅައި އަމަލުކުރާނެ ހާއްސަ އުސޫލެއް މިވަގުތު ކޮމިޝަނުގައި ނެތްކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާމިލް މިކަން ހާމަކުރެއްވީ، ވެރިންގެ ބޮލުގައި ބޮޑެތި ބަދުނާމު އެޅުވުމަށް ހުށަހަޅާ މައްސަލަތަކާ ގުޅޭގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، އެއިރެއްގައި އިދިކޮޅުގައި ތިބޭ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް އިސްކޮށްގެން ކޮމިޝަނަށް މައްސަލަތައް ވައްދާކަން މެންބަރު ފާހަގަކުރެއްވިއެވެ.
މިކަމަށް ތާއީދުކުރައްވަމުން ޝާމިލް ވިދާޅުވީ، ކޮމިޝަނުގެ މެންބަރުންގެ އަގުވައްޓާލުމުގެ ބޭނުމުގައިވެސް ބައެއް ފަހަރު މައްސަލަތައް ހުށަހަޅާ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ބައެއް އިދާރާތަކުގައި މިފަދަ ކަންކަން ހުއްޓުވުމަށް ނިޒާމުތައް ހުރި ނަމަވެސް، އޭސީސީގައި މިހާތަނަށް އެފަދަ ނިޒާމެއް ގާއިމުވެފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ގާނޫނުތަކުގައި ކޮރަޕްޝަން ހުއްޓުވުމުގެ ތެރެއިން އެފަދަ ކަންކަމަށް ފިޔަވަޅުއެޅޭނެ އުސޫލުތައް އޮތް ނަމަވެސް، މިހާރު އަމަލުކުރާ ނިޒާމުގައި ކަނޑައެޅިގެން ބަދުނާމުކުރަން ހުށަހަޅާ މައްސަލަތަކުގައި ދެން އަމަލުކުރާނެ ވަކިގޮތެއް ބަޔާންވެފައި ނެތްކަމަށް ޝާމިލް ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރާއި ޖުޑިޝަރީގެ އިސް މަގާމުތަކުގައި ތއްބަވާ ބޭފުޅުންނަށް ކުރެވޭ ތުހުމަތުތަކުގައި އަމަލުކުރާނެ ގޮތުގެ އިސްތިރާޖީ ޕްލޭނެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމާއެކު އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭސީސީގެ ރައީސް މައުލޫމާތު ދެއްވިއެވެ.