ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ކޯހުގައި ބައިވެރިވާ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެ ދަރިވަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ކަޅުތުއްކަލާކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، މި ޕްރޮގްރާމަކީ ސިފައިންގެ ފަރާތުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެއްކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، ގަދައަޅައި މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މި ފަހަރުގެ ކޯހުގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 84 ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ބައިވެރިންނާއި 20 އަންހެން ބައިވެރިންނެވެ. މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.
ޖުމްލަ 16 ހަފުތާ (4 މަސް ދުވަސް) ގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ފަންނީ އެކި ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މެރިން މެކޭނިކް، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖުމަންޓްގެ ދާއިރާ ހިމެނެއެވެ.
މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ޤަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.